ރެފިއުޖީން

މެޑިޓަރޭނިއަން ކަނޑުގައި މިދިޔަ އަހަރު 5000 އަށްވުރެ ގިނަ ރެފިއުޖީން މަރުވި: ޔޫއެން

މެދުއިރުމަތީގެ ގައުމުތަކުން ޔޫރަޕަށް ދިއުމަށް މެޑިޓަރޭނިއަން ކަނޑު ހުރަސް ކުރުމުގެ ތެރޭގައި މިދިޔަ އަހަރު އެކަނި ވެސް 5000 އަށް ވުރެ ގިނަ ރެފިއުޖީން މަރުވިކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ބުނެފިއެވެ.

ޔޫއެން އިން މިދިއަ ހުކުރު ދުވަހު ބުނީ މިދިޔަ އަހަރު މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް 363348 މީހުން ޔޫރަޕަށް ދަތުރުކުރި ކަމަށެވެ. އަދި އޭގެ އިތުރުން 5079 މީހުން ކަނޑަށް ޣަރަގުވެ ނުވަތަ ގެއްލިފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ޔޫއެންގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ހުކުރު ދުވަހު އާއްމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ވަގުތީ ތަފާސްހިސާބު ތަކެވެ. އެހެންވެ ފާއިތުވި ޑިސެމްބަރު މަހުގެ ތަފާސް ހިސާބުތައް އޭގެ ތެރޭގައި އަދި ނުހިމެނޭނެ އެވެ. ޑިސެމްބަރު މަހުގެ ތަފާސް ހިސާބުތައް ހިމެނުމުން ގެއްލުނު ނުވަތަ މަރުވިމީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ޔޫއެންގެ ރެފިއުޖީންނާ ބެހޭ އެޖެންސީގެ ޑިރެކްޓާ ޖެނެރަލް ވިލިއަމް ލޭސީ ސްވިންގް ވިދާޅުވެފައި ވަނީ މެދުކެނޑުމެއް ނެތި ރެފިއުޖީން އަންނަމުންދިއުމާއި ކަނޑުގައި ހާލުގައި ޖެހޭ މީހުން ސަލާމަތްކުރަން ޖެހޭ ޖެހުމާއި މެދު ޔޫރަޕްގައި އުފެދިފައިވާ ނުތަނަވަސްކަމަށް ލުޔެއް ލިބޭނީ ރޭވުންތެރިކަމާއި އެކު ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ.

ހުއްދަ ގޮތުގައި ރައްކާތެރިކަމާއެކު ހިޖުރަކުރުމަށް ފުރުސަތު ލިބޭނެ ގޮތްތަކެއް ހޯދުމަށް ސްވިން ވަނީ ގޮވާލައްވާފަ އެވެ. އެގޮތުން ވޯކް ވިސާއާއި ފެމިލީ ރިޔުނިފިކޭޝަންއާއި ވަގުތީ ގޮތުން ހިމާޔަތް ދިނުން ފަދަ ކަންތައްތައް ހަމަޖައްސައި ދެވިދާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.