ދުނިޔެ

އެންޖެލީނާ ޖޮލީ އދ.ގެ ރެފިއުޖީ އޭޖެންސީ ދޫކޮށްލައްވައިފި

އދގެ ރެފިއުޖީ އެޖެންސީގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަނާ ފޮ ރެފިއުޖީސް (ޔޫއެންއެޗްސީއާރުގެ) ހާއްސަ މަންދޫބުގެ މަގާމުން އެންޖެލީނާ ޖޮލީ އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

ރެފިއުޖީ އޭޖެންސީގެ މަންދޫބެއްގެ ހައިސިއްޔަތުން ހޮލީވުޑްގެ ބަތަލާ، 47، ޔޫއެންއެޗްސީއާރުގެ 60 އަށް ވުރެ ގިނަ އަމަލީ މައިދާން ބަލަހައްޓަވައި ވަނީ ހިންގަވާފަ އެވެ.

އަދި ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެންޖެލީނާ ޖޮލީ ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައި ތިބި އެތައް މިލިއަން ބައެއްގެ ހާލު ވަރަށް ރަނގަޅަށް ބަހަލައްޓަވައި އިހުސާންތެރިވެ ވަޑައިގެންފަ އެވެ.

އެންޖެލީނާ ޖޮލީ ވިދާޅުވި ގޮތުގައި އދ. އާއެކު -- އެ ނިޒާމުގެ ތެރޭގައި 20 އަހަރު މަސައްކަތް ކުރެއްވިއްޖެ އެވެ. އަދި އދއާ ދުރަށް ޖެހި އަމިއްލަ އަމިއްލައަށް ރެފިއުޖީންނާ ގުޅުން ދެމެހެއްޓުމަށް އިތުރު ބާބެއް ފައްޓަވަން ވަގުތު ޖެހިއްޖެ އެވެ.

އޭނާ އަދި ވިދާޅުވީ މިއީ ތަފާތު ގޮތަކަށް މަސައްކަތް ކުރައްވަން އޮތް ވަގުތު ކަމަށެވެ. ރެފިއުޖީންނާއި ލޯކަލް އޯގަނައިޒޭޝަން ތަކާއެކު ސީދާ ގުޅުން ބަދަހިކުރެއްވުމަށް ވަގުތު ޖެހިއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

އެންޖެލީނާ ޖޮލީ ވިދާޅުވީ މިއީ ހާލުގައި ޖެހިފައި ތިބި މީހުންނަށް ހައްލު ހޯދުމަށް ވަކާލާތު ކުރެއްވުމުގައި އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދެއްވަން ޖެހިފައި އޮތް ވަގުތު ކަމަށެވެ.

ރެފިއުޖީންނަށާއި ގެދޮރު ގެއްލިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރިއަށް އޮތް ތަނުގައި ވެސް އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޔޫއެންއެޗްސީއާރް އިން ބުނި ގޮތުން ރެފިއުޖީންގެ ހައްގުތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އެންޖެލީނާ ޖޮލީ އަކީ ހިތްވަރުގަދަ އެހައި ނުފޫޒު ގަދަ ކަނބަލެކެވެ.

އެންޖެލީނާ ޖޮލީ އދއާއެކު ޔޫއެންއެޗްސީއާރުގައި މަސައްކަތް ފެއްޓެވީ 2001 އެވެ. އަދި މިހާތަނަށް ވެސް ހުންނެވީ އެ ޖަމާއަތުގެ އެމްބެސެޑަރެއްގެ ގޮތުގަ އެވެ.