ދުނިޔެ

އެމެރިކާއިން އދ އަށް ދޭ އެހީ މަދުކުރަނީ

ފަލަސްތީންގެ ޣައްޒާއަށް އިޒުރޭލުން ދެމުން ގެންދާ ހަމަލާތައް އެއްވާނެއްގައި އަދިވެސް ދަނީ ކުރިއަށެވެ.

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔަހޫދީން ހުރަސްއަޅާފައި އޮތުމުން -- ޣައްޒާގެ އާންމު ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށް ބައިނަލްއަގްވާމީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ވެސް އޮތީ ބުނެފަ އެވެ.

ޣައްޒާގެ ހާލަތު މިފަދަ ނާޒުކު ފައްތަރެއްގައި އޮއްވައި އދ ގެ އެހީ ފޯރުކޮށްދޭ އޭޖެންސީތަކަށް އެމެރިކާއާއި ބައިވެރިން ދެމުން ގެންދާ އެހީ މަދުކުރަން ވަނީ ނިންމާފަ އެވެ. އަދި ވަކިން ހާއްސަކޮށް ޔުނައިޓެޑް ނޭޝަންސް ރިލީފް ވޯކްސް އޭޖެންސީ -- ފަލަސްތީންގެ ރެފިއުޖީންނަށް އެހީތެރިވެދޭ އދގެ އޭޖެންސީއަށް އެމެރިކާއާ ބައިވެެރިން ދެމުން ގެންދާ އެހީތެރިކަން މި ވަގުތަށް މަޑުޖައްސާލަން އެމެރިކާއާއި ބައިވެރިން ވަނީ ނިންމާފަ އެވެ.

ފަލަސްތީންގެ ރެފިއުޖީންނަށް ފޯރުކޮށްދޭ އެހިތެރިކަން މިވަގުތަށް ހުއްޓާލާނެ ކަމަށް އެމެރިކާ ބުނުމާ ގުޅިގެން އެމެރިކާގެ ފަހަތުން ކެނެޑާ، އިނގިރޭސިވިލާތް، ފިންލަންޑް، އޮސްޓްރޭލިއާ، އިޓަލީ އަދި ނެދަލަންޑް އިން ވެސް މިކަމުގައި ބައިވެރިވެ ފަލަސްތީންގެ އާންމުން ބަނޑަށް ޖައްސައި އަދަބު ދިނުމަށް ވަނީ ނިންމާފަ އެވެ.

އެމެރިކާއާއި ބައިވެރިންގެ މި ނިންމުން ގުޅިފައި ވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލާ ދެކޮޅަށް އަމުރެއް ނެރުމާ ގުޅިގެންނެވެ.

އައިސީޖޭ އިން އިޒުރޭލަށް ގޮވާލީ ޣައްޒާގައި ގަތުލުއާންމެއް ނުހިންގުމަށާއި ނަސްލު ނައްތާލުމުގެ ނިޔަތުގައި ޣައްޒާއަށް ހަމަލާ ނުދިނުމަށެވެ. އަދި ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތަކެއް ހިންގާތޯ ބަލައި ހަރުދަނާ ފިޔަވަޅުތައް އެޅުމަށްވެސް އޮތީ އަމުރުކޮށްފަ އެވެ.

އޮކްޓޯބަރު ހަތެއްގައި އިޒުރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި، ފަލަސްތީންގެ އާންމުންގެ ބޮލަށް ބޮންއެޅުމަށް ބޭނުންވާ ހުރިހާ ހަތިޔާރެއް ފޯރުކޮށް ދިނީވެސް އެމެރިކާއާ ބައިވެރިންނެވެ.

ތަނަކަށް ޖަހާނެ މޮހޮރެއްހާ ހިސާބުވެސް ނެތް، އަސްކަރީ ގޮތުން ސުމެއްގައި ތިބި ބަޔަކާ ދެކޮޅަށް ހަތިޔާރު އުފުލައި ރޮކެޓާއި މިސައިލުން ހަމަލާދިނުމަށް ވާގިވެރިވަނީވެސް އެމެރިކާއާއި ބައިވެރިންނެވެ.

އަނެއްކޮޅުން ފަލަސްތީންގެ އާމުން އެންމެ ހާލުގައި ޖެހި ބަނޑަށް މަރުވާ ހިސާބަށް ގޮސްފައި ވަނިކޮށް -- ބައިނަލްއަގްވާމީ ގާނޫނުތަކުން އެމެރިކާއަށް ލާޒިމުކުރާ އެހީތަކެއް މިވަނީ ކަނޑާލާފަ އެވެ.

މިއީ ވެސް ފަލަސްތީންގެ އާންމުންނަށް އަދަބު ދިނުމަށް އެމެރިކާއާއި ބައިވެރިން ރާވާފައި އޮތް ލާއިންސާނީ އަމަލެކެވެ.