ދުނިޔެ

ވީޓޯގެ ބާރުތަކަށް 21 ވަނަ ގަރުނުގައި ޖާގައެއް ނެތް: އަޔަލަންޑް

އދ ގެ ސަލާމަތީ މަޖިލީހުގައި ފަސް ގައުމަކަށް ވީޓޯ ބާރު ދީގެން ތިބެން ޖެހެނީ އުފަލުން ނޫން ކަމަށް އަޔަލަންޑްގެ ހާރިޖީ ވަޒީރު މައިކަލް މާޓިން ވިދާޅުވެއްޖެ އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި އެއަށް ވުރެ ބޯދާކަމެއް 21 ވަނަ ގަރުނު ނުދެކެ އެވެ.

ސަލާމަތީ މަޖިލީހުގައި ވީޓޯއަށް ޖާގަ އޮވެގެން ވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށްވެސް ހާރިޖީ ވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އދ އިން ފާސްކުރާ ބޮޑެތި ގަރާރުތައް ފުލުން ދުއްވާލުމުގައި ވީޓޯ ބާރުތަކުން ސަލާމަތީ މަޖިލީހަށް ޣައްދާރުވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ފަލަސްތީންގެ މައްސަލަ އެވެ.

އިޒުރޭލުން މިހާރު ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް އދ އިން ފާސްކުރި ހުރިހާ ގަރާރެއް ފުލުން ދުއްވާލީ އެމެރިކާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ވެސް ވީޓޯގެ ނާޖާއިޒު ފައިދާ ނަގައިގެން ކަމަށް ތުހުމަތުކުރެއްވި އެވެ.

ސަލާމަތީ މަޖިލީހުގައި ކަމެއް ކުރަންޏާ -- އޭނާ ވިދާޅުވި ގޮތުން ކުރަންވީ ކަމަކީ ވީޓޯ ބާރު އެއްވެސް ގައުމަކަށް ނުދިނުމެވެ. އަދި ވީޓޯގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކުރާނަމަ އެކަން އުނިކުރަން ފެނިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންވެ ވިދާޅުވީ ވީޓޯ ބާރު ނައްތާލަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެއް ކަމަށެވެ.

ހާރިޖީ ވަޒީރު ވިދާޅުވީ ސަލާމަތީ މަޖިލީޙުގެ ހައިބަތު ގެއްލިފައިވަނީ ވެސް ވީޓޯގެ ސަބަބުން ކަމަށާއި އދ އަދިވެސް ހިނގައި ނުގަނެގެން އުޅެނީ ވެސް ވީޓޯ ބާރު އަތުލައިގެން ތިބި ފަސް ގައުމެއްގެ ޖެއްސުމާ ހެދި ކަމަށެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ވީޓޯގެ ބާރު އޮންނަނީ ފަސް ގައުމަކަށެވެ. އެއީ އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް، ރަޝިއާ އަދި ޗައިނާ އެވެ.

ވީޓޯ ބާރު ލިބިފައިވާ ގައުމަކުން ގަރާރެއް ބަލައި ނުގެންފިނަމަ ސަލާމަތީ މަޖިލީހުގައި އެ ގަރާރެއް ފޭލްވެ އެވެ. އެއީ ދުނިޔެއަށް ކިތަންމެ މުހިންމު ގަރާރެއް ނަމަވެސް ވަރިހަމައެވެ.

ދުނިޔޭގައި ހިނގަމުންދާ ބޮޑެތި ހަނގުރާމަތައް ހުއްޓުވުމަށް ސަލާމަތީ މަޖިލީހުން ބަހުސްކުރާ ގަރާރުތައް ފޭލްކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ވީޓޯ ބާރު އޮންނަ ފަސް ގައުމުންނެވެ.

އަޔަލަންޑްގެ ހާރިޖީ ވަޒީރު މައިކަލް މާޓިން ވިދާޅުވި ގޮތުން ވީޓޯ ގައުމުތަކުގެ ނުތާހިރު ކަމުން އދ ތާހިރުކޮށް ހުއްޓުވަން އޮތީ މަޖުބޫރުވެފަ އެވެ.