ދުނިޔެ

އިލްހާން އުމަރު އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމެޓީން ބޭރުކޮށްފި

އެމެރިކާގެ ގާނޫންހަދާ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި ފުރަތަމަ ދެ މުސްލިމް އަންހެން ކަނބަލުންގެ ތެރެއިން އިލްހާން އުމަރު މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީން ވަކިކޮށްފި އެވެ.

އިލްހާން އުމަރަށް ފޮރިން އެފެއާޒް ކޮމިޓީން ލިބިވަޑައިގެންނެވި ގޮނޑި، ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ނުފޫޒުން ގެއްލުވާލީ އެނާއާ ދެކޮޅަށް ގަރާރެއް ފާސްކުރުމަށް ފަހު އެވެ. އިލްހާން އަކީ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެކެވެ.

ފޮރިން އެފެއާޒް ކޮމިޓީ އަކީ ނުފޫޒުގަދަ އަދި ހައިސިއްޔަތު ލިބިގެންވާ ކޮމިޓީއެކެވެ. މި ކޮމިޓީގައި މުޅީ ދުނިޔޭގެ ސިޔާސަތަށް ފާޑުކިޔައި ބަހުސްކުރެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފޮރިން އެފެއާޒް ކޮމިޓީން އިލްހާން ވަކިކުރީ މުސްލިކަށް ވާތީ އެވެ. އަދި އޭނާ އަކީ ޖެހިލުމެއް ނެތި ފަލަސްތީނަށް ތާއީދުކުރައްވައި -- އިޒްރޭލުގެ އަނިޔާވެރިކަމަށް ދެކޮޅު ހައްދަވާ ކަނބަލަކަށް ވާތީ އެވެ.

އިލްހާން އުމަރު ވަކިކުރުމުގައި ރިޕަބްލިކަނުންގެ އޮތް އަނެއް ހަސަދަ އަކީ މީގެ ދެ އަހަރު ކުރިން ޑިމޮކްރެޓުންގެ ވޯޓަކުން -- ރިޕަބްލިކަން ޕާޓީގެ ދެ މެމްބަރަކު ފޮރިން އެފެއާޒް ކޮމިޓީން ބޭރުކުރުމެވެ.

އިލްހާން އުމަރުގެ ގޮންޑި ގެއްލުވާލުމަށް ޓަކައި މަޖިލީހުގެ ތިރިގޭގައި ނެގި ވޯޓުގައި -- ގާތްގަނޑަކަށް ރިޕަބްލިކަންގެ ހުރިހާ މެމްބަރުން -- 218 މެމްބަރުން ވޯޓުދިނީ އެކަމަނާއާ ދެކޮޅަށެވެ. އަނެއްކޮޅުން ޑިމޮކްރޭޓުންގެ ހުރިހާ މެމްބަރުން -- 211 ވޯޓު ދިނީ އެކަމާނާގެ ހިމާޔަތުގަ އެވެ.

އެހެންކަމުން 211-218 ވޯޓުން ރިޕަބްލިކަނުން މި ވޯޓު ކާމިޔާބުކުރީ އެވެ.

އެމެރިކާގައި މި އަހަރު ޖެނުއަރީ ހަތެއްގައި އޮތް މިޑްޓާމް އިންތިހާބުގައި މަޖިލީޙުގެ ތިރިގޭގެ އަޣުލަބިއްޔަތު ހޯދާފައި ވަނީ ރިޕަބްލިކަނުންނެވެ. އެ ޕާޓިއަށް 222 ގޮނޑި ވަނީ ލިބިފަ އެވެ. އަނެއްކޮޅުން ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީއަށް ލިބިފައި ވަނީ 211 ގޮނޑި އެވެ.

ވޯޓުގެ ކުރިން ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުން އިލްހާން ވިދާޅުވީ ކަޅު ނަސްލްގެ ލީޑަރެއް ގޮތުގައި އެމެރިކާގެ ރައީސް ކަމަށް ބާރަކް އޮބާމާ ވަޑައިގަތުން ރިޕަބްލިކަނުންނަށް ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވި ކަމަށެވެ.

އޮބާމާ އަކީ މުސްލިމެއް ކަމަށާއި އުފަންވެ ވަޑައިގަތީ ކެންޔާގައި ކަމަށް ބުނެ ޑޮނަލްޑް ޓްރަމްޕަށް ތާއިދުކުރާ ބައިގަނޑަކުން އަޑުން އަޑުނަގައި ހަޅޭޢްލެވި ކަމަށް އިލްހާން ވިދާޅުވި އެވެ. އެކަމުގެ ބޭނުމަކީ އިލްހާން ވިދާޅުވި ގޮތުގައި އެމެރިކާގައި އޮބަމާއަށް އޮތް ހައިސިއްޔަތު ގެއްލުވާލައި -- އޮބާމާ އަކީ އެމެރިކާއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް ދެއްކެވުމެވެ.

އިލްހާން ވިދާޅުވީ އެކަމަނާ އަކީ މުސްލިމެއް ކަމަށާއި ސާބިތުވެ ހުންނަވާނީ ވެސް މުސްލިމެއް ގޮތުގައި ކަމަށެވެ. އެކަމަނާ އެމެރިކާގައި ދިރިއުޅުއްވަނީ ހިޖުރަވެރިއެއްގެ ލަގަބުގައި ކަމަށް ވިދާޅުވެ -- ވިދާޅުވީ އެކަމަނާއަށް ބަޔަކު ޝައުގުވެރިވާ ނަމަ އެކަމަކީ އެކަމަނާ އެފްރިކާއަށް ނިސްބަތްވުން ކަމަށެވެ.

އެމެރިކާގެ ރައްޔިތުކަން ލިބިވަޑައިގެން ސިޔާސީ މައިދާނުގައި މިހާރު ހުންނެވި ހައިސިއްޔަތަށް އެކަމަނާ ވަޑައިގެންފައި ވާއިރު އެމެރިކާގެ ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުން އެއްޗެއް ވިދާޅުނުވެވޭ ވަރުގެ ކަނބަލެއް ކަމަށް ބަޔަކު ގަބޫލުކުރައްވަނީތޯ އިލްހާން ސުވާލުކުރެއްވި އެވެ.

އިލްހާން އުމަރަކީ ސޯމާލިއާ ދަރިކޮޅަށް ނިސްބަތްވާ މުސްލިމް އަންހެނެކެވެ. އުފަންވެ ވަޑައިގަތީ ސޯމާލިއާގައި އޮކްޓޯބަރު ހަތަރެއް، 1982 ގައެވެ. އެމެރިކާއަށް ބަދަލުވެ ވަޑައިގަތީ އާއިލާ އާއެކު 1995 ގައި، އެމެރިކާއިން ހިމާޔަތް ދިނުމުންނެވެ.

އިލްހާން އަށް އެމެރިކާގެ ރައްޔިތުކަން ލިބުނީ 2000 ވަނަ އަހަރު އެކަމަނާގެ އުމުރުން 17 އަހަރުގަ އެވެ.