ދުނިޔެ

ޖަޕާނުން ރެފިއުޖީ ފަންޑަށް ހޭދަކުރުން މެދުކަނޑާލައިފި

ފަލަސްތީންގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ އދގެ ފަންޑަށް ހޭދަކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ޖަޕާނުން ބުނެފި އެވެ.

ޖަޕާނުން ބުނި ގޮތުން ރެފިއުޖީ ފަންޑަށް އެހީތެރިވުން މެދުކަނޑާލީ އެ އެޖެންސީގައި މަސައްކަތްކުރާ ބައެއް އޮފިޝަލުން ހަމާސްއާ ގުޅިގެން އިޒުރޭލަށް ހަމަލާދިން މައްސަލައިގައި ކަމަށެވެ.

އދގެ ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ޕަލެސްޓައިން އަށް ކުރިން ދެމުން ދިޔަ ގޮތަށް އެހީ ދެން ވެވޭނީ ޖަޕާނުން ބުނި ގޮތުން އެ އޭޖެންސިގެ އެއްވެސް މީހަކާ ހަމާސްއާ ގުޅުމެއް އޮތްތޯ ބެލުމަށްފަހު އެވެ. އަދި އދ މެދުވެރިކޮށް ރެފިއުޖީ ފަންޑަށް ދޭ އެހީގެ ތެރެއިން އެއްވެސް މިންވަރެއް ހަމާސްގެ ހަނގުރާމަވެރިންނަށް ފޯރާތޯ ބެލުމަށްފަހުގައި ކަމަށްވެސް ޖަޕާނުން ބުންޏެވެ.

ޖަޕާންގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އޮކްޓޯބަރު ހަތެއް 2023 ގައި ހަމާސްގެ ޓެރަރިސްޓުން ޔަހޫދީ އާބާދީތަކަށް ވަދެގަނެ ދިން ހަމަލާތަކުގައި ރެފިއުޖީ އޭޖެންސީގެ އޮފިޝަލުން އަމަލީ ގޮތުން ބައިވެރި ކަމަށް ބުނާ ރިޕޯޓްތަކެއް ވަނީ ލިިބިފަ އެވެ.

މިއީ ހަމަ ހަގީގަތުގައިވެސް ކަންތައް ހިނގައި ދިޔަ ގޮތް ކަމަށްވާނަމަ އެއީ ވަރަށް ބޮޑު ހިތާމެއް -- ލަދުވެތި ކަމެއް ކަމަށްވެސް ޚާރިޖީ ވުޒާރާއިން ބުންޏެވެ.

ޓެރަރިސްޓުންނަށް ކާންދިނުމަކީ ޖަޕާނުން ކުރާނެ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ.

އިޒުރޭލުގެ ރިޕޯޓު ތެދުތޯ ބެލުމަށް ޖަޕާނުން ތަޖުރިބާކާރުން ފޮނުވާނެ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ބުންޏެވެ.

ޖަޕާނުން ބުނީ ރެފިއުޖީ އިދާރާއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރި ކަމަށް ތުހުމަރުކުރެވޭ ހަތަރު މީހަކު ވަޒީފާއިން ވަކިކޮށް ފޮނުވާލެވުނު ކަމަށެވެ.

ޖަޕާން އަކީ ރެފިއުޖީ ފަންޑުތަކަށް ވަރަށް ގިނައިން އެހީ ދޭ ގައުމެކެވެ.

އޮކްޓޯބަރު ހަތެއްގެ ހަމަލާތަކާ ގުޅިގެންވެސް ޖަޕާނުން ވަނީ ފަލަސްތީން ރެފިއުޖީ ފަންޑަށް އދ މެދުވެރިކޮށް އޮކްޓޯބަރު 24 ގައި ހަތް މިލިއަން ޑޮލަރު ދީފަ އެވެ.