ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި

އަންނަ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހަޅަން އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފި އެވެ. ފޯމް ހުށަހަޅަން ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދުން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ. ފޯމް ހުށަހަޅަންޖެހެނީ ބާ ޖަމާލުއްދީންގައި ހަދާފައިވާ ކޮމިޝަނުގެ އޮފީހަށެވެ އެ ނޫން އެއްވެސް ތަނަކުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައެއް ނުގަންނާނެ އެވެ.

ކުރިން މިމަހުގެ 14 ވަނަ ދުވަހު ބާޢްވަން ނިންމި އިންތިހާބު އޭޕްރިލް މަހަށް ބަދަލުކޮށް، އެ އިންތިހާބާ ގުޅިގެން ކުރި ހުރިހާ އިއުލާންތަކެއް ބާތިލްކޮށް އަލުން އިންތިހާބު އިއުލާންކުރީ އިތުރު ދެ މަހަށް އިންތިހާބު ފަސް ކުރަން ސިވިލް ކޯޓުން މިދިޔަ މަހު ކުރި ހުކުމާ ގުޅިގެންނެވެ. އިންތިހާބުގައި ވާދަކުރަން އަލުން ފުރުސަތު ހުޅުވާލާފައިވީ ނަމަވެސް މީގެ ކުރިން އިންތިހާބަށް ވާދަކުރަން ކުރިމަތިލައި، ކޮމިޝަނުން ކެންޑިޑެސީ ގަބޫލުކޮށްފައި ތިބި ކެންޑިޑޭޓުންނަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދޭނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.