ސީރިޔާ

ހުރިހާ ކަމަކަށް މަޝްވަރާ ކުރަން ތައްޔާރު: އަސަދު

Jan 9, 2017

ސީރިޔާ ސަރުކާރު އޮތީ ހުރިހާ ކަމަކާ މެދުގައި ވެސް ވާހަކަ ދައްކައި މަޝްވަރާކުރަން ތައްޔާރަށް ކަމަށް އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.

ސީރިޔާ ސަރުކާރުގެ ސާނާ ނޫސް އެޖެންސީއާ ހަވާލާދީ ރޮއިޓާސް ބުނީ ކަޒަކިސްތާނުގައި ބާއްވާ ވާހަކަ ތަކުގައި ހުރިހާ ކަމަކާ މެދުގައި ވެސް މަޝްވަރާ ކުރަން ސީރިޔާ ސަރުކާރުން ތައްޔާރު ކަމަށް އަސަދު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެ ވާހަކަތައް ފަށާނީ ކޮން އިރަކު ކަމެއް އަދި އެވާހަކަ ތަކުގައި ސީރިޔާގެ އިދިކޮޅު ފަރާތްތަކުގެ ތެރެއިން ބައިވެރިކުރާނީ ކޮންބައެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި ސުލްހައިގެ ވާހަކަތައް ބާއްވާނެ ކަން އަސަދަށް ވާގިވެރިވާ ރަޝިޔާގެ ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.

ސީރިޔާ ހަނގުރާމައިގައި ބައިވެރިވާ ބައެއް އިދިކޮޅު ޖަމާއަތްތަކާއި ސަރުކާރުން އަމަލުކުރަން ފެށި ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ އެއްބަސްވުމާ އިދިކޮޅު ޖަމާއަތްތަކުން ހިލާފުވެފައިވާ ކަމަށް އަސަދު ވަނީ ތުހުމަތުކުރައްވާފަ އެވެ. އެ އެއްބަސްވުމަކީ ރަޝާއާއި ތުރުކީ މެދުވެރިވެގެން އެކުލަވައިލި އެއްބަސްވުމެކެވެ.

"ހުރިހާ ކަމަކާއި މެދުގައި ވެސް މަޝްވަރާކުރަން އަހަރެމެން މިތިބީ ތައްޔާރަށް" ކަމަށް އަސަދު ވިދާޅުވުމުން އޭނާގެ މަގާމާއި މެދުގައިވެސް ތޯ މީޑިއާއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވެފައި ވަނީ އެކަން ގުޅިފައި ވަނީ ގާނޫނު އަސާސީއާ ކަމަށެވެ.

އަސަދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ސީރިޔާގެ ވެރިރަށް ދިމިޝްޤަށް ފެން ފޯރުކޮށްދޭ މުހިއްމު މަރުކަޒެއް ހުންނަ ސަރަހައްދެއް ކަމަށްވާ ވާދީ ބަރަދާއަށް އޭނާގެ ސިފައިންނާއި އޭނާއަށް ތާއީދުކުރާ ލުބުނާނުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާ ވަގުތެއްގައެވެ. ވާދީ ބަރަދާގައިވާ ފެން ފޯރުކޮށްދޭ މަރުކަޒަށް ބޮން އެޅުމުގެ ސަބަބުން ދިމިޝްގުގެ ބައެއް ސަރަހައްދުތަކުން ވަނީ ފެން ކެނޑިފަ އެވެ.