ދުނިޔެ

މިޔަންމާގައި އެތްތަކެއް ދިން ހަމަލާއެއްގައި ފަސްމީހުން މަރުވެއްޖެ

ރުޅިއަރައިގެންފައިވާ ނީލަގެރި އެއް ތަކެއް މިޔަންމާގެ އިރު އުތުރުގެ އަވަށަކަށް ވަދެގަނެ، ތަންތަން ސުންނާފަތި ކުރުމުގެ ތެރޭގައި އެ އަވަށުގެ ފަސް މީހުން މަރުވެއްޖެ އެވެ.

ތުރުކީގެ އަނާޑޮލޫ ނޫސް އެޖެންސީން ބުނީ މިޔަންމާގެ ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ ޝާން ސްޓޭޓްގައި އިއްޔެރޭ ފަތިހު ހިނގި އެ ހާދިސާގައި އެތުގެ އައިނެއް އަވަށަށް ވަދެ ގަނެ، ހަމަލާދިނުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ނުވަ އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. އަދި އެ ހަމަލާގައި ބައެއް ގެތައް ވެސް ހަލާކުވި ކަމަށް އެނޫހުން ބުންޏެވެ.

މިޔަންމާގެ ރަށްފުށު ސަރަހައްދުތަކުގައި ޖަނަވާރާއި އިންސާނުންގެ މެދުގައި މިފަދަ ހަމަނުޖެހުންތަކަކީ އެހާ އާދަޔާ ހިލާފުކަމެއް ނޫނެވެ. ޖަންގަލިތައް ކޮށުމުގެ މަސައްކަތްކުރާ ސަރަހައްދުތަކުގައި މިފަދަ ހާދިސާތައް ގިނައިން ހިނގައެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ހިނގި ހާދިސާތަކުގައި 15 މީހުން މަރުވި އެވެ.

މިޔަންމާގެ ޖަންގަލިތަކުގެ 20 ޕަސެންޓް 1990 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ކޮށާފައި ވެއެވެ. އަދި 2010 ވަނަ އަހަރު އެގައުމުގެ ޖަންގަލިތަކުގެ 47 ޕަސެންޓް ކޮށާފައި ވެއެވެ.