ދުނިޔެ

އިންޑިއާ ފުލުހުން، 16 އަންހެނަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެ

އިންޑިއާގެ ޗައްތިސްގަޅްގައި އެ ގައުމުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި 16 އަންހެނުން ރޭޕްކޮށްފައިވާ ކަމަށް އެގައުމުގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ތުހުމަތުކޮށްފި އެވެ.

އިންޑިޔާގެ އިންސާނީ ހައްގުތަކާބެހޭ އިދާރާއިން އިއްޔެ ބުނީ 16 އަންހެނަކު ރޭޕްކޮށްފައިވާކަން އެނގުނީ ޗައްތިސްގަޅްގެ ބިޖަޕޫރު ޑިސްޓްރިކްޓްގެ އަވަށް ތަކަކަށް އެގައުމުގެ ފުލުހުން ހަމަލާދިން ކަމުގެ ރިޕޯޓްތަކެއް ލިބިގެން ކުރި ތަހުގީގަކުން ކަމަށެވެ. އެ އިދާރާއިން ބުނެފައި ވަނީ ފުލުހުން ހިންގި އޮޕަރޭޝަންގައި ޖިންސީ އަނިޔާ ލިބުނު އިތުރު 20 އަންހެނެއްގެ ހެކިބަސް ނެގުމުގެ މަސައްކަތް ކުރަމުން ވެސް އަންނަ ކަމަށެވެ.

އިންޑިއާ ފުލުހުން ރޭޕްކުރި އަންހެނުންގެ ތެރޭގައި މާބަނޑު އަންހެނަކު ވެސް ހިމެނޭ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި އެމީހުން އުމުރުން 14 އަހަރުގެ ކުއްޖަކުވެސް ރޭޕްކޮށްފައި ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ރޭޕްކުރި މައްސަލަ ތަހުގީގުކޮށް އެކަން ކުރި ފުލުހުން ހައްޔަރުކުރުން ލަސްވަމުންދާތީ އަނިޔާ ލިބުނު އަންހެނުންގެ ދިފާއީ ވަކީލު ވަނީ ނުރުހުން ފާޅުކޮށްފައެވެ. އޭނާ ބުނެފައި ވަނީ އެއީ ކަމާ ބެހޭ އިދާރާތައް ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.

އިންޑިއާ ސަރުކާރާ މާއޮއިސްޓުންނާ ދެމެދު ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގައި ގާނޫނާ ހިލާފަށް މީހުން މެރުމާއި ތަންތާ ހުޅުޖެހުމާއި އަންހެނުންގެ އިއްފަތްތެރިކަން ފޭރުމުގެ އަމަލުތައް ފުލުހުން ހިންގާ ކަމަށް ކުރިން ވެސް ވަނީ ތުހުމަތު ކުރެވިފައެވެ.