ދުނިޔެ

ހަފުތާއެއްގެތެރޭ ރޯހިންޔާ ދަރިކޮޅުގެ 22000 މީހުން ބަންގްލަދޭޝް އަށް

މިޔަންމާގައި ފަގީރުކަމާއި އަނިޔާއާއި ކުރިމަތިވެފައިވާ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން 22000 މީހުން ފާއިތުވި ހަފުތާގައި ބަންގްލަދޭޝަށް ހިނގައްޖެ އެވެ.

ޔްނައިޓެޑް ނޭޝަންސް ( ޔޫއެން) ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ރެފިއުޖީންނާ ބެހޭ ހަފުތާގެ ރިޕޯޓްގައި ބުނެފައި ވަނީ ބަންގްލަދޭޝްގެ ދެކުނު ސަރަހައްދުގައިވާ ކޮޒްސް ބަޒާރުގައިވާ ކޭމްޕްތަކަށް މިދިޔަ ހަފްތާގައި 22000 މީހުން ދިޔަ ކަމަށެވެ.

މިޔަންމާގެ ހަމަނުޖެހުން ބޮޑު ރާޚިން ސްޓޭޓްގައި ހަނގުރާމަވެރިން ހޯދުމުގެ ނަމުގައި އެގައުމުގެ ސިފައިން އޮޕަރޭޝަނެއް ހިންގަން ފެށި ފަހުން މިހާތަނަށް ރޯހިންޔާ ދަރިކޮޅުގެ 65000 މީހުން ބަންގްލަދޭޝަށް ގޮސްފައިވާ ކަމަށް ވެސް ޔޫއެންގެ ރިޕޯޓްގައި ބުނެފައި ވެއެވެ.

ރޯހިންޔާ ދަރިކޮޅުގެ މީހުންގެ ހިޖުރައިގެ ތަފާސް ހިސާބުތައް ޔޫއެއިން އާއްމުކޮށްފައި ވަނީ އެމީހުންނާ ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގާފައިވާ ކަމަށް ބުނާ އިންސާނީ ހައްގުތަކާ ހިލާފު ޖަރީމާތައް ތަހުގީގު ކުރުމަށް ޔޫއެން ފޮނުވި ހާއްސަ މަންދޫބު އެގައުމަށް ވަޑައިގެންފައި ވަނިކޮށެވެ.

މިޔަންމާއާއި ބަންގްލަދޭޝް ގުޅޭ ސަރަހައްދީ ރޮނގޮގެ ކައިރީގައިވާ ރާޚިން ސްޓޭޓްގައި ދިރިއުޅޭ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނަކީ މިޔަންމާގެ ރައްޔިތުން ކަމަކަށް އެގައުމުން ގަބޫލެއް ނުކުރެއެވެ. އަދި އެމީހުން ބަލައި ގަތުމަށް ބަންގްލަދޭޝް އިން ވެސް ދެކޮޅު ހަދައެވެ.