ސްރީލަންކާ

ހަމްބަންޓޯޓާގެ ހަމަނުޖެހުމުގެ ފަހަތުގައި ތިބީ ކޮންބައެއްތޯ ބަލަން ތަހުގީގެއް

ސްރީލަންކާގެ ހަމްބަންޓޯޓާ ސަރަހައްދުގައި ޗައިނާގެ ކުންފުންޏަކުން މަޝްރޫއެއް ފަށާތީ އެކަމާ ދެކޮޅަށް ކުރި މުޒާހަރާގައި ހިންގި ހަމަނުޖެހުމުގެ ފަހަތުގައި ވަނީ ކޮންބައެއްތޯ ބެލުމަށް ފުޅާ ދާއިރާއެއްގައި ތަހުގީގެއް ކުރަން އެ ގައުމުން ނިންމައިފި އެވެ.

އެފަދަ ތަހުގީގެއް ކުރަން އުޅެނީ އެ ހަމަނުޖެހުން ހިންގީ ވެރިރަށް ކޮލަމްބޯއިން އެކަމަށްޓަކައި ދިޔަ ގުރޫޕަކުން ކަމަށް ލަންކާގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރުމުން ކަމަށް ކޮލަމްބޯ ގެޒެޓް ނޫހުން ބުންޏެވެ.

ލަންކާގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މުޒާހަރާގައި ހަމަނުޖެހުން ހިންގީ ކޮލަމްބޯއިން ދިޔަ ސަރުކާރާ ގުޅުން އޮންނަ "ގުންޑާ" އިން ތަކެކެވެ. ލަންކާ ޕާލަމެންޓްގެ ސަރުކާރާ އިދިކޮޅު މެމްބަރު އަދި ކުރީގެ ރައީސް ރާޖަޕަކްޝާގެ ދަރިކަލުން ނަމަލް ރާޖަޕަކްޝާ ވިދާޅުވެފައި ވަނީ މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގީ ކޮލަމްބޯއިން ދިޔަ ގްރޫޕަކުން ކަމަށެވެ.

ނަމަވެސް ލަންކާގެ އިކޮނޮމިކް މިނިސްޓަރު ރަވީ ކަރުނަޔަކަ ވިދާޅުވަމުން ގެންދަވަނީ ހަމަނުޖެހުން ހިންގީ ހަމްބަންޓޯޓާގައި ދިރިއުޅޭ ބަޔަކު ކަމަށެވެ. އެކަމާ ބެހޭ ތަހުގީގުކޮށް ރިޕޯޓެއް ހުށަހެޅުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ހަމްބަންޓޯޓާގައި ޗައިނާގެ ކުންފުންޏަކުން ހިންގަން އުޅޭ މަޝްރޫއު ހުއްޓުވުމަށް ގޮވާލައި މުޒާހަރާއެއް ކުރީ ލަންކާގެ ބުޑިސްޓް ހާމުދުރުން އިސް ނަގައިގެންނެވެ. އެ މުޒާހަރާގެ ތެރެއަށް ސަރުކާރާ އެއްކޮޅު ބަޔަކު ވަދެ، ދެބައިމީހުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގިއެވެ. އެ މައްސަލައިގައި ލަންކާ ސަރުކާރުން ވަނީ ގިނަ ބަޔަކު ހައްޔަރުކޮށްފަ އެވެ.