ދުނިޔެ

ރޭޕް ކުރުމާއި އަލިފާން ޖެހުމާއި މެރުން، ރޯހިންޔާ މުސްލިމުންގެ ދުލުން

ޕުވިންޓް ފޫ ޒުއާން އަވަށަށް މިޔަންމާ ސިފައިން ވަންނަން އައި އިރު، އެއަވަށުގެ މީހުން ގޮތެއް ނިންމަން އޮތީ މަދު ސިކުންތު ކޮޅެކެވެ.
ރޯހިންޔާ ދަރިކޮޅުގެ އަންހެނެއް ކަމަށްވާ އުމުރުން 25 އަހަރުގެ ނޫރު އާންކިސް ނިންމީ ގޭގައި މަޑުކުރުމަށެވެ. މިޔަންމާ ސިފައިން އޭނާއަށް އެންގީ ކަކޫ މައްޗަށް ތިރިވުމަށެވެ. އެމީހުން އޭނާގެ ގައިގައި ތަޅައި އަނިޔާ ކުރުމަށް ފަހު ގެންދިޔައީ އަންހެނުން ތަކެއް ރޭޕް ކުރުމަށް އެމީހުން ކަނޑައަޅާފައިވާ ތަނަކަށެވެ.

އުމުރުން 22 އަހަރުގެ ރާޝިދާ ބޭގަމް ނިންމީ ބާރަށް އޮއިދެމޭ ފެންގަނޑަކަށް އޭނާގެ ތިން ކުދިންނާއި އެކު ފުންމައިލުމަށެވެ. އޭނާއަށް ފެނުނީ އޭނާގެ ތުއްތު އަންހެން ދަރިފުޅު އަތުން ދޫވެގެން ދިޔަ ތަނެވެ.

އުމުރުން 20 އަހަރުގެ ސުފައްޔަތުﷲ ވެސް ފުންމާލީ ފެންގަނޑަށެވެ. ދެދުވަސް ވަންދެން ފެންގަނޑުގެ ތެރޭގައި ހުރުމަށް ފަހު އެއްގަމަށް އެރުމުން އޭނާއަށް ފެނުނީ އޭނާގެ މަންމަޔާއި ބައްޕަ އަދި ދެ ބޭބޭންނާއި އެކު މިޔަންމާ ސިފައިން އޭނާގެ ގޭގައި ހުޅުޖަހައި އަންދާލާފައި ވަނިކޮށެވެ.

ފިލައިގެން ބަންގްލަދޭޝް އަށް ގޮސް ތިބި އެތިންމީހުންނާއި އަދި އެހެން ބައެއް މީހުން ކިޔައިދިން ވާހަކަ ތަކުން މިޔަންމާ ސިފައިން ހިންގާފައިވާ ޖަރީމާތައް ރަނގަޅަށް ތަސައްވަރު ކުރެވެއެވެ. މިޔަންމާ ސިފައިން އެކަންތައްތައް ކުރީ ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއްގެ ނަމުގައެވެ.

ތިން މީހުން ކިޔައިދިން ވާހަކަތަކުގެ ތެދުކަން ކަށަވަރު ކުރެވެން ނެތް ކަމުގައި ވިޔަސް މިޔަންމާގެ ހާލަތު ބަލަމުން އަންނަ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ ތަކުގެ ރިޕޯޓްތަކާ އެވާހަކަތައް ތައާރަޒެއް ނުވެއެވެ. އެ ޖަމާއަތްތަކުގެ ރިޕޯޓްތަކުގައި ބުނެފައި ވަނީ ރާޚިން ސްޓޭޓްގެ އުތުރު ސަރަހައްދުތަކަށް މިޔަންމާ ސިފައިން ވަދެ ގަތުމަށް ފަހު ވަކި ވަކި މީހުން ގަޔަށް ބަޑިޖަހައި މެރުމާއި ރޮކެޓް ބޭނުންކޮށްގެން ގެތައް އެންދުމާއި އަންހެނުންނާއި އަންހެން ކުދިން ރޭޕް ކުރުން ފަދަ ޖަރީމާތައް ހިންގައިވާ ކަމަށެވެ.

އެސަރަހައްދުގެ ސެޓެލައިޓް ފޮޓޯތައް އެނަލައިޒް ކުރުމަށް ފަހު ހިއުމަން ރައިޓްސް ވޮޗް އިން ބުނެފައި ވަނީ ރާޚިން ސްޓޭޓްގެ އަވަށްތަކުން 1500 ގެ އަންދާލާފައިވާ ކަމަށެވެ.

ރޯހިންޔާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ރާޚިން ސްޓޭޓްގެ ދެކުނަށް މިޔަންމާ ސިފައިން މިހާރު ގޮސްފައި ވާއިރު އެމީހުންގެ އޮޕަރޭޝަން ނިންމާލާނީ ހަނގުރާމަވެރިން ބަލިކުރުމުގައި މިޔަންމާ ސަރުކާރަށް ހިތްހަމަ ޖެހޭ ވަރުގެ ނަތީޖާއެއް ލިބުމުން ކަމަށް ބެލެވެއެވެ.

"މިއީ އަދި މި ޖަރީމާތަކުގެ އެންމެ މަތީ މިންވަރު ކަމަށް ނުވުމުގެ ބިރު އެބަ އޮތް،" ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ އިންސާނީ ހައްގުތަކުގެ ކަންތައްތައް ބަލަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ފޯޓިފައި ރައިޓްސްގެ މެތިއު ސުމިތު ވިދާޅުވިއެވެ.

ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަން ސަރުކާރުން ޖަރީމާތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭތީ ބައިނަލް އަގުވާމީ މުޖުތަމައުން އެކަން ބަލަން އެ ސަރުކާރަށް ބާރު އެޅިއެވެ. އެހެންވެ އެ ސަރުކާރުން ކުރި ތަހުގީގަކަށް ފަހު ބުނެފައި ވަނީ އެފަދަ ކަމެއް ނުހިނގާ ކަމަށެވެ.
ރޯހިންޔާ ދަރިކޮޅުގެ މީހުންނަށް ލިބެމުންދާ އަނިޔާތައް ތަހުގީގު ކުރުމަށް ޔޫއެން އިން މިހާރު ވަނީ ހާއްސަ މަންދޫބެއް އެގައުމަށް ފޮނުވާފަ އެވެ.