ސިފައިންނަށް ސަރުކާރުން ހަމަޖައްސައިދީފައިވާ ކެއުން ކަމު ނުގޮސްގެން އިންޑިއާ ސިފައިންގެ މީހަކު ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާއްމު ކުރުމުން އެމައްސަލަ ބަލަން ފަށައިފިއެވެ.
އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮންނަ ސަރަހައްދީ ރޮނގު ބަލަހައްޓާ ސިފައިންގެ މީހެއް ކަމަށްވާ އެމްވައި ޔާދޭވް އާއްމު ކުރި ވީޑިއޯގައި ދައްކާފައި ވަނީ އަނދާފައިވާ ރޮށްޓަކާއި އެއާ އެކު ކާން ހުރި ރިހައެވެ.
އެ ވީޑިއޯގައި އޭނާ ބުނެފައި ވަނީ ރިހައިގައި ހުންނަނީ ހަމަ އެކަނި ރީނދުލާއި ލޮނު ކަމަށެވެ.
"މިއީ އަހަރެމެންނަށް ލިބޭ ކާނާގެ ފެންވަރަކީ . ދެން ކިހިނެތް ސިފައިންގެ މީހަކު ޑިއުޓީ ކުރާނީ،" ވީޑިއޯގައި އޭނާ ސުވާލުކޮށްފައި ވެއެވެ.
އޭނާ ބުނެފައި ވަނީ އެއީ ސަރުކާރުގެ މައްސަލައެއް ނޫން ކަމަށާއި ސަލާމަތީ ބާރުތަކުގެ މަތީ ފަންތީގައި އޮތް ކޮރަޕްޝަންގެ ސަބަބުން ކަން ހިނގާ ގޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ. ޔާދޭވް އާއްމުކުރި ވީޑިއޯ މިހާރު ވަނީ އަށް މިލިޔަން ފަހަރު ބަލާފަ އެވެ. އަދި އެ ވީޑިއޯއާ ގުޅިގެން އިންޑިއާގެ އާއްމުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
އިންޑިއާގެ ހޯމް މިނިސްޓަރު ރަޖްނާތު ސިންގް ސޯޝަލް މީޑިއާ ޓްރިޓާގައި ވިދާޅުވެފައި ވަނީ ބޯޑާ ސެކިއުރިޓީ ފޯސް( ބީއެސްއެފް)ގެ ޒުވާނާ އާއްމު ކުރި ވީޑިއޯ ފެނިވަޑައިގެންފި ކަމަށާއި އެކަމާ ބެހޭ މައުލޫމާތު ވީހާ އަވަހަކަށް ދޭން ބީއެސްއެފްގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމަށް ފިޔަވަޅު އެޅުމަށް ވެސް އެދިވަޑައިގެންފައިވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ބީއެސް އެފް އިން ވެސް ވަނީ ޔާދޭވްގެ ވީޑިއޯއަށް ޖަވާބުދާރީ ވުމުގެ ގޮތުން ޓްވީޓެއް ކޮށްފަ އެވެ. އެޓްވީޓްގައި ބުނެފައި ވަނީ ސިފައިންގެ ދުޅަހެޔޮ ކަމަށް އިސްކަންދޭ ކަމަށާއި، ވީޑިއޯ އާއްމުކުރި ސިފައިންގެ މީހާ މަސައްކަތް ކުރާ ސަރަހައްދަށް މިހާރު މަތީ ފެންވަރުގެ އޮފިސަރަކު ފޮނުވާފައިވާ ކަމަށެވެ.