އިރުމަތީ ޔޫރަޕްގެ ގައުމެއް ކަމަށްވާ ބެލާރުސްއަށް ކުރު ދަތުރު ކުރުމަށް 80 ގައުމެއްގެ ރައްޔިތުން ވިސާ ޖަހަން ނުޖެހޭ ގޮތަށް އެ ގައުމުން ހަމަ ޖައްސައިފި އެވެ.
ބެލާރުސް ފީޑް ނޫހުން ބުނީ އެގޮތަށް ހަމަޖެއްސިކަން އެ ގައުމުގެ ރައީސްގެ ޕްރެސް ސާވިސް އިން މިއަދު އިއުލާނުކޮށްފައިވާ ކަމަށެވެ.
ބެލާރުސްގެ ރައީސްގެ ގަރާރަކުން ހަމަޖެއްސި އެ އުސޫލުގެ ދަށުން އެ 80 ގައުމުގެ ރައްޔިތުން އެގައުމުގެ މިންސްކް އެއާޕޯޓުން ފަސް ދުވަހަށް ވިސާއާއި ނުލައި އެތެރެވެވޭނެއެވެ. ބެލާރުސްއިން ވިސާ އާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ދޭ 80 ގައުމުގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަން( އީޔޫ) ގެ މެމްބަރު ގައުމުތަކާއި އެމެރިކާއާއި ޖަޕާނާއި ބްރެޒިލްއާއި އިންޑޮނީޝިއާ ހިމެނެ އެވެ. އެ ގައުމުތަކަކީ ބެލާރުސްއާ ރަނގަޅު ގުޅުމެއް އޮންނަ އަދި ހިޖުރަ ކުރުމުގެ މައްސަލަ އެގައުމުތަކުގެ ރައްޔިތުންގެ ފަރާތުން ކުރިމަތިނުވާ ގައުމުތަކެވެ.
އެ 80 ގައުމުގެ ރައްޔިތުން ވިސާއާ ނުލައި ބެލާރުސް އަށް ދަތުރު ކުރުމަށް ފުރިހަމަ ކުރަންޖެހޭ ކަންތައް ތަކަކީ ސައްހަ ޕާސްޕޯޓެއް އޮތުމާއި މެޑިކަލް އިންސުއަރެންސް އޮތުމާއި ދުވާލަކަށް 42 ބެލާރުސް ރުބެލްގެ މަގުން ފަސް ދުވަހަށް ވާ ވަރަށް ފައިސާ ހުރުމެވެ.
ވިސާއާ ނުލައި ބެލާރުސް އަށް ދަތުރުކުރެވޭގޮތަށް ހަމަޖެއްސި 80 ގައުމުގެ ތެރެއިން ގައުމެއްގެ މީހަކު ރަޝިޔާއިން އެގައުމަށް ދަތުރު ކުރާ ނަމަ އެ އުސޫލުން އިސްތިސްނާވާނެ އެވެ.