އިނގިރޭސިވިލާތަށް އުފަން ކްލެއާ ހޮލިންވޯތަކީ ހަނގުރާމައިގެ ހަބަރުތައް ލިއުމުގައި ފާއިތުވި ގަރުނުގައި އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދި ނޫސްވެރިޔާ އެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށި ހަބަރު އޭނާ ލިއުނީ ނޫސްވެރިއެއްގެ ވަޒީފާ އަދާކުރަން ފެށިތާ ހަފުތާއެއް ވެސް ނުވަނީހެވެ.
ދުނިޔޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ލޭ އޮހޮރުވުން ފެށުނު އެ ހަބަރު އިނގިރޭސިވިލާތުގެ ޑެއިލީ ޓެލެގްރާފްގައި 1939 ވަނަ އަހަރު ލިއުނު ހޮލިން، އޭނާގެ އުމުރުން 105 އަހަރުގައި މަރުވީ ހޮންކޮންގައި މިއަދުއެވެ.
ހަނގުރާމައިގެ އުޑި އެނބުރިގަތް މަންޒަރު ހޮލިން އަށް ފެނުނީ ކުރިން ޖަރުމަނުގެ ރަށެއްގެ ގޮތުގައި އޮތް ގްލެއިވިޒްއާއި ޕޮލެންޑްގެ ރަށެއްގެ ގޮތުގައި އޮތް ކެޓޮވިސްއާއި ދެމެދު އޮންނަ މަގުން ދަތުރު ކުރަނިކޮށެވެ. މަގުގެ އެއް ފަރާތުގައި ޖަރުމަނު ފަޅީގައި ހިނގާ ކަންތައްތައް ނުފެންނާނެހެން ކޮށްފައިވާ ފަރުދާއެއްގެ އެއްބައި ވަޔާ ކަޝްފުވީ ހެލަން އެމަގުން ދަތުރުކުރި ވަގުތުގަ އެވެ. އެތަންކޮޅުން އޭނާ ބަލައިލުމުން ފެނުނު މަންޒަރު ސިފަ ކުރަމުން އޭނާ ފަހުން ލިޔެފައިވާ ލިއުމުގައި ބުނެފައި ވަނީ ގިނަ އަދަދެއްގެ ސިފައިންނާއި އެތައް ސަތޭކަ ޓޭންކާއި ހަތިޔާރު އެޅި އެހެން އުޅަނދުތައް އެތަނަށް ޖަމާކޮށްފައިވާ ކަމަށެވެ.
ޖަރުމަނުން ތައްޔާރުވަމުން ދަނީ ވަރުގަދަ އަސްކަރީ ހަރަކާތަކަށް ކަން އޭނާއަށް އެވަގުތު ވިސްނުނެވެ. އެހެންވެ ވަރަށް އަވަހަށް ޕޮލެންޑަށް ދަތުރުކޮށް، އޭނާގެ އެޑިޓަރަށް ފޯނުކޮށް އެ މައުލޫމާތު ދިނެވެ. ޖެހިގެން އަދި ދުވަހު -- އެއީ 1939 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަސް -- ހެލަން ލިއުނު އާޓިކަލް އަކީ މިޒަމާނުގައި ލިއުނު އެންމެ މޮޅު ލިއުމުގެ ގޮތުގައި ދަ ގާޑިއަން ނޫހުން މިދިޔަ އަހަރު ސިފަކޮށްފައި ވެއެވެ.
ޖަރުމަނުގެ އެ ހަރަކާތުގެ ހަބަރު ދުނިޔެއަށް ފަތުރައިލި ފަހުން ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ޖަރުމަނުން ޕޮލެންޑް ހިފިއެވެ. ޖަރުމަނުގެ އޭރުގެ ވެރިޔާ އެޑޮލްފް ހިޓްލަރުގެ އަމުރަށް އެޅި އެފިޔަވަޅަކީ ދެވަނަ ބޮޑުހަނގުރާމައިގެ ފެށުމެވެ. އޭގެ ފަހުން 40 އަހަރު ވަންދެން ނޫސްވެރިކަމުގައި އޭނާ ކުރިމަ މަސައްކަތްތަކުގެ ތެރޭގައި ދަ ޓެލެގްރާފް، ދަ ގާޑިއަން ، ދަ އިންޓަނޭޝަނަލް ހެރަލްޑް ޓްރައިބިއުން އަދި ވޯލްސްޓްރީޓް ޖާނަލް އަށް ލިއުންތައް ލިއުނެވެ.
މައުލޫމާތު ހޯދުމަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ހޮލިން އަކީ ޖާސޫސެއް ކަމަށް ސަރުކާރުތަކުން ބައެއް ފަހަރު ތުހުމަތު ކޮށްފައި ވެއެވެ. އަދި އޭނާ އެތައް ފަހަރަކު ހައްޔަރުވެސް ކޮށްފައި ވެއެވެ.
އޭނާކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އީރާނުގައި އެންމެ ފަހުން ހުންނެވި ޝާހު ރަސްގެފާނު މުޙައްމަދު ރިޒާ ޕަހެލަވީއާއި އިންޓަވިއު ކުރުމާއި ޕާކިސްތާނާއި އިންޑިއާ އާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ނޫސްވެރިން އެސަރަހައްދަށް ދިއުން މަނާކޮށްފައި ވަނިކޮށް އެސަރަހައްދުން ރިޕޯޓް ކުރުމާއި އިނގިރޭސިންގެ މެންޑޭޓްގެ ގޮތުގައި އޮތް ފަލަސްތީނުގައި ޔަހޫދީންނާއި މުސްލިމުންނާ ދެމެދު ހިނގި ހަމަނުޖެހުންތައް ރިޕޯޓް ކުރުން ހިމެނެއެވެ. -- ނިއުޔޯކް ޓައިމްސް