ދުނިޔެ

ޗައިނާގައި ފޯޖީ ހިދުމަތް ހޯދާ މީހުންގެ އަދަދު 700 މިލިޔަނުން މައްޗަށް

ހައި ސްޕީޑް ނެޓްވޯކް ފޯޖީ ގެ މަގުބޫލުކަން ބޮޑުވެ، އެ ހިދުމަތް ބޭނުންކުރާ މީހުން އަދަދު ފާއިތުވި އަހަރު 734 މިލިޔަނަށް އަރާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާ ވެންކޫ ވިދާޅުވި ކަމަށް ދަ ހިންދޫ ނޫހުން ބުނީ ފޯޖީގެ ހިދުމަތް ބޭނުންކުރާ 734 މިލިޔަން މީހުން އެގައުމުގައި އެބަ ތިބި ކަމަށާއި ފައިވްޖީގެ ހިދުމަތް 2020 ވަނަ އަހަރު ފަށާނެ ކަމަށެވެ. މިއީ ޗައިނާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އަދަދެކެވެ.

ވެން ވިދާޅުވެފައި ވަނީ ދުނިޔެ ގަބޫލުކުރާ ފައިވްޖީ ސްޓޭންޑާޑް އާ ބެހޭ މައުލޫމާތު ފަތުރައި، ފައިވްޖީ އިންޓަނެޓް ހިދުމަތް 2020 ވަނަ އަހަރު ފެށުމަށް އަޅަން ޖެހޭ ބިންގާތައް ޗައިނާއިން އަޅަން ފަށާފައިވާ ކަމަށެވެ.

ޗައިނާ އިންޓަނެޓް ނެޓްވޯކް އިންފޮމޭޝަން ސެންޓަރުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު ޗައިނާގެ 710 މިލިޔަން މީހުން އިންޓަނެޓްގެ ހިދުމަތް ބޭނުން ކުރެއެވެ. އެއީ އެގައުމުގެ އާބާދީގެ 51.7 ޕަސެންޓް އެވެ.