އެމެރިކާގެ އީމެއިލް އެކައުންޓްތައް ހެކް ކުރަނީ ހަމައެކަނި ރަޝިޔާއިން ނޫން ކަމަށާއި ޗައިނާއިން ވެސް އެކަން އެގޮތަށް ކުރާ ކަމަށް އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެފައިވާ ޑޮނަލްޑް ޓްރަމްޕް މިރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ބޭއްވެވި ފުރަތަމަ ނޫސްކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ހެކް ކުރަނީ އެކަމާ ދެކޮޅު ދިފާއެއް އެމެރިކާގައި ނެތުމުން ކަމަށެވެ.
"... ހަމަ އެކަނި ރަޝިޔާއެއް ނޫން. މި ގައުމުގައިވާ 22 މިލިޔަން އެކައުންޓް ޗައިނާއިން ވަނީ ހެކްކޮށްފައި،" އެމެރިކާގެ ގިނަ ޗެނަލްތަކަކުން ވަގުތުން ދެއްކި ނޫސްކޮންފަރެންސްގައި ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ ކެމްޕޭނާއި ރަޝިޔާއާއި ގުޅުމެއް ނެތް ކަމަށް ވާނަމަ އެގައުމުގެ ރައީސް ލަޑީމިއާ ޕުޓިންއަށް ދެއްވާނެ މެސެޖަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ "އޭނާ އެކަން ކޮށްގެން ނުވާނެ، އޭނާ އެކަމެއް ނުކުރާނެ" ކަމަށެވެ.
ހަމަ އެސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އޭނާގެ ދައުރުގައި ރަޝިޔާއިން އެމެރިކާއަށް މާބޮޑަށް އިހުތިރާމު ކުރާނެ ކަމަށާއި އެހެން އެއްވެސް ވެރިކަމެއްގައި ނުކުރާ ވަރަށް އިހުތިރާމް ކުރާނެ ކަމަށެވެ.
ހެކް ކުރުމާ ދެކޮޅަށް އެމެރިކާގައި އަޅާފައިވާ ދިފާއީ ފިޔަވަޅުތަކާބެހޭ ބޮޑު ރިޕޯޓެއް، 90 ދުވަހުގެ ތެރޭގައި ނެރުއްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޑިމޮކްރެޓިކް ޕާޓީގެ ނެޝަނަލް ކޮމިޓީގެ އީމެއިލް އެކައުންޓްތައް ހެކް ކުރި ކަމަށް އެމެރިކާގެ ޖާސޫސީ ކޮމިއުނިޓީން ބުނި ބުނުންތައް ގަބޫލު ނުކުރައްވައި މަޑު ކުރެއްވީ ކީއްވެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ އިންޓެލިޖެންސް ރިޕޯޓްތައް ލީކްވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރިޔާސީން އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ޓްރަމްޕް ހާމަކުރައްވާފައިވާ ބައެއް ސިޔާސަތު ތަކާ ބެހޭ ގޮތުން ކުރި ސުވާލުތަކަށް އޭނާ ދެއްވީ ކުރިން ދެއްކެވި ވާހަކަތަކާ އެއްގޮތް ޖަވާބުތަކެކެވެ.
އެގޮތުން މެކްސިކޯއާއި އެމެރިކާއާއި ގުޅޭ ސަރަހައްދީ ރޮނގުގައި ފާރެއް ލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެހެން ގައުމުތަކުގައި ވިޔަފާރިތައް ހިންގަމުން އަންނަ އެމެރިކާގެ ކުންފުނިތައް ޖެހޭނީ އަނބުރާ އެގައުމަށް އަންނަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.