ޔޫއެން

އދ. އިތުރު 4000 ސިފައިން ފޮނުވުމާ ދެކުނު ސޫދާނު ދެކޮޅު

ހަމަނުޖެހުން ބޮޑު ދެކުނު ސޫދާނަށް އދ. ގެ ސުލްހަ ބަލަހައްޓާ ލަޝްކަރުގެ އިތުރު 4000 ސިފައިން ފޮނުވުމާ އެ ގައުމުން ދެކޮޅު ހަދައިފި އެވެ.

ސޫދާނުގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ގައުމަށް ސަލަމާތަކާއި ހަމަޖެހުން ގެނައުމުގެ ގާބިލުކަން އެގައުމުގެ ސަރުކާރުގައި އެބަހުރި ކަމަށެވެ.

"ހިމާޔަތްކުރާ ލަޝްކަރެއް ނުފޮނުވިޔަސް ގައުމަށާއި ރައްޔިތުންނަށް ސަލާމަތާއި ހަމަޖެހުން ގެނެސްދިނުމުގެ ގާބިލުކަން ދެކުނު ސޫދާނުގެ ސަރުކާރުގައި އެބަހުރި،" ދެކުނު ސޫދާނުގެ ފޮރިން މިނިސްރީގެ ތަރުޖަމާނު މާވެއިން މަކޯލް އެރީކް އިއްޔެ ވިދާޅުވި ކަމަށް އަލްޖަޒީރާގެ ހަބަރުގައި ވެއެވެ.

ދެކުނު ސޫދާނުގައި ހަމަނުޖެހުން ބޮޑުވުމުން، އދ. ގެ މިހާރު އޮތް 13500 ސިފައިން ހިމެނޭ ލަޝްކަރަށް ސަރަހައްދީ ސިފައިންގެ ލަޝްކަރެއް އިތުރު ކުރަން ހުށަހެޅީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. ދެކުނު ސޫދާނު ސަރުކާރުން އޭރުގައި އެކަމަށް އާނބަސް ބުންޏެވެ.

ދެކުނު ސޫދާނުގެ ޑިފެންސް މިނިސްޓަރު ކުއޯލް މަންޔަން ޖޫކް ވިދާޅުވެފައި ވަނީ އެގައުމުގެ ވެރިރަށް ޖޫބާގައި މިހާރު އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ.

"ބޭރުގެ ގިނަ މީހުން ހީކުރަނީ ޖޫބާއާއި ގައުމުގެ އެހެން ހިސާބުތަކުގައި އަދިވެސް ހަނގުރާމަ ހިނގަމުންދާ ކަމަށް. އެކަމަކު ޖޫބާ މިހާރު އޮތީ ރައްކާތެރިކަމުގައި،" ޑީޕީއޭ ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ޖޫކް ވިދާޅުވެފައި ވެއެވެ.

ދެކުނު ސޫދާނުގައި އޮތް އދ. ސުލްހަ ބަލަހައްޓާ ލަޝްކަރުން އެގައުމުގެ އާއްމުންނަށް ރައްކާތެރިކަން ދިނުމުގައި ނާކާމިޔާބުވެފައިވާ ކަމަށް ބުނާ ރިޕޯޓެއް އާއްމުވުމުން އދ. ކުރީގެ ސެކްރެޓަރީ ޖެނެރަލް ބާންކީމޫން ވަނީ އެ ލަޝްކަރުގެ ކޮމާންޑަރު މަގާމުން ދުރުކޮށްފަ އެވެ.
ދެކުނު ސޫދާނަކީ ސޫދާނުން ބައެއް ވަކިކޮށްގެން 2011 ވަނަ އަހަރު އުފެއްދި ގައުމެކެވެ.