ސީރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި ކެމިކަލް ހަތިޔާރުން ދިން ހަމަލަތާތައް އެކަން ތަހުގީގު ކުރަމުން އަންނަ ބައިނަލް އަގުވާމީ ފަރާތްތަކުން ފުރަތަމަ ފަހަރަށް އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދާ ގުޅުވައިފި އެވެ.
ރޮއިޓާސް ބުނީ އެ އެޖެންސީއަށް ލިބިފައިވާ ލިއުމަކުން އެނެގޭ ގޮތުގައި ސީރިޔާގައި ދިން ކެމިކަލް ހަމަލާތަކުގެ ޒިންމާ އަސަދާއި އޭނާގެ ކޮއްކޯފުޅު މަހަރު އުފުލަން ޖެހޭ ކަން ބައިނަލް އަގުވާމީ ތަހުގީގަށް މިހާރު ހޯދިފައިވާ ކަމަށެވެ.
ކެމިކަލް ހަތިޔާރު ބޭނުންކުރުން މަނާކުރަން މަސައްކަތް ކުރާ ޖަމިއްޔާ އާއި ޔުނައިޓެޑްނޭޝަންސް (ޔޫއެން) ގުޅިގެން ކުރި ތަހުގީގުގައި އެކަމުގެ ޒިންމާ ކުރިން އަޅުވާފައި ވަނީ ސީރިޔާ ސިފައިންގެ އިސް ބައެއް މީހުންގެ ބޮލުގަ އެވެ. ނަމަވެސް 2014 އަދި 2015 ވަނަ އަހަރު ދިން އެ ހަމަލާތަކުވެ ޒިންމާވާން ޖެހޭ މީހުންގެ ލިސްޓް އަލުން އެކުލަވައިލި އިރު މިހާރު އެ ލިސްޓްގައި ވަނީ އަސަދާއި އޭނާގެ ކޮއްކޮގެ އިތުރުން ސީރިޔާ ސިފައިންގެ ބައެއް އިސް މީހުންނެވެ.
އެގޮތަށް ލިސްޓް އެކުލަވައިލީ ކެމިކަލް ހަތިޔާރު ބޭނުން ކުރަން ނިންމީ ސީރިޔާ ސަރުކާރުގެ އެންމެ މަތިން ކަން އެނގިގެން ކަމަށް ތަހުގީގާ ބެހޭ މައުލޫމާތު އެނގޭ ފަރާތަކުން ރޮއިޓާސް ކިޔައިދީފައި ވެއެވެ.
ރޮއިޓާސް އިން އާއްމުކޮށްފައިވާ މައުލޫމާތާ ބެހޭ ގޮތުން އަސަދަދާއި އޭނާގެ ކޮއްކޮ އަދި އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ސަރުކާރުގެ އޮފިޝަލުން ވަނީ އެކަން ދޮގުކޮށްފަ އެވެ.