ސްރީލަންކާ

ހަނަފަސް ކަމުގެ ސަބަބުން ލަންކާ ކާޑަށް ޖެހުމުގެ ބިރު ހީވެއްޖެ

ސަންޑޭ ޓައިމްސް، ކޮލަމްބޯ - ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ހަނަފަސް ކަމުގެ ސަބަބުން ކާބޯތަކެތި ލިބުން ދަތިވެދާނެ ކަމުގެ އިންޒާރު އެ ގައުމުގެ ސަރުކާރުން ދީފި އެވެ.

އެ ހާލަތާ ކުރިމަތިލުމަށް ޓަކައި 250000 މެޓްރިކްޓަނުގެ ހަނޑޫ އިމްޕޯޓްކުރަން ނިންމާފައިވާ ކަމަށް ލަންކާގެ މިނިސްޓަރް އޮފް ޑިޒާސްޓާ މެނޭޖްމެންޓް އަނޫރާ ޕިޔާ ދަރުޝަނާ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ކުރިން އާއްމުކޮށް ވެހޭ ވަރަށް މިދިޔަ އަހަރު ލަންކާއަށް ވާރޭ ވެހިފައެއް ނުވެއެވެ. އެހެންވެ ފެން ރައްކާ ކުރުކުރުމަށް ހަދާފައިވާ ތާންގީތަކުން ވަނީ ވަރަށް ބޮޑަށް ފެން މަދުވެފަ އެވެ. އެއީ ދަނޑުވެރިކަމަށާއި ކަރަންޓް އުފެއްދުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ދަރުޝަނާ ވިދާޅުވި އެވެ.

ވާރޭ ނުވެހޭ ހަނަފަސް ދުވަސްތައް އަދިވެސް އިތުރު ތިން މަސް ދުވަހަށް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރާތީ ފެނާއި ކާބޯތަކެތި ބޭނުން ކުރުމުގައި ބަލައިގެން އުޅުމަށް އަނޫރާ އެދިވަޑައިގެންނެވި އެވެ. ވަސީލަތްތައް ބޭނުން ކުރުމުގައި މީހުން އިހުމާލުވުމުގެ ވަރަށް ދަތި އުނދަގޫ ހާލަތްތައް ކުރިން ވެސް ކުރިމަތިވެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.