އިންޑިއާ

ރަޖީވް ގާންދީގެ ގާތިލުންނަށް ހިޔާވަހިކަން ދިން މީހާ މަރުވެއްޖެ

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީ އަވަހާރަކޮށްލުމުގެ ރޭވުންތައް ރޭވި އެންމެ އިސްމީހާ އާއި އޭނާގެ ބައިވެރިންނަށް އިންޑިއާގައި ހިޔާވަހަކަން ދިން ޖަޔަރާމް ރަންގަނާތު މަރުވެއްޖެ އެވެ. -- އޭނާ ވަނީ އެ ހަމަލަ ރޭވި މީހުން އެ މަސައްކަތް ކުރަން ތިބުމަށް އޭނާގެ ހިޔާވަހިކަން ދީފަ އެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން އިއްޔެ ބުނީ ރަޖީވް ގާންދީ އަވަހާރަކޮށްލުމުގެ ރޭވުންތައް ރޭވި އިސް މީހާއާއި އޭނާގެ ބައިވެރިންނަށް ހިޔާވަހިކަން ދިން ކަމުގެ ކުށް ސާބިތުވެގެން ރަންގަނާތު ޖަލުގައި ހޭދަކުރީ ނުވަ އަހަރު ކަމަށެވެ. އެ މުއްދަތު ހަމަވެގެން އޭނާ މިނިވަންވީ 1999 ވަނަ އަހަރު ކަމަށާއި ހަކުރު ބައްޔާއި ކިޑްނީގެ މައްސަލަތަކެއްގައި ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު އޭނާ މަރުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. މަރުވި އިރު އޭނާގެ އުމުރަކީ 61 އަހަރެވެ.

ޖަލުން މިނިވަންވީ ފަހުން އޭނާ ދިރިއުޅުނީ ބެންގަލޫރުގަ އެވެ. ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުން އޭނާ އައީ ރި ރިއަލް އެސްޓޭޓް ވިޔަފާރިއެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ ހަކުރުބައްޔާއި ކިޑްނީގެ މައްސަލަތައް ބޮޑުވެގެން ރަންގަނާތު ހޮސްޕިޓަލުގައި އެޑްމިޓްކުރީ ދާދި ފަހުން ކަމަށެވެ. އަދި އޭނާ މަރުވީ ހޮސްޕިޓަލުން ގެއަށް ބަދަލުކޮށްފައި ވަނިކޮށް ކަމަށް އެނޫހުން ބުންޏެވެ.

ރަޖީވް ގާންދީ އަވަހާރަކޮށްލި ގައިގައި ބޮމެއް ހަރުކޮށްގެން އަންހެނަކު ދިން ހަމަލާއެއްގައި 1991 ވަނަ އަހަރު އެވެ. އިންޑިއާގެ ތަމަޅައިންގެ މެޖޯރިޓީ އޮންނަ ޓެމިލްނާޑޫ ސްޓޭޓްގެ ވެރިރަށް ޗެންނާއީއާއި 40 ކިލޯ މީޓަރު ދުރުގައި އޮންނަ ސްރިޕެރުންބުދުރު ނަމަކަށް ކިޔާ އަވަށުގައި ދިން އެހަމަލާގައި ރަޖީވްގާންދީގެ އިތުރުން 25 މީހުން މަރުވި އެވެ.