ދުނިޔެ

އެމެރިކާގައި ވަގަށް ނެގި ކުއްޖަކު 18 އަހަރު ފަހުން ހޯދައިފި

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ހޮސްޕިޓަލަކުން މީގެ 18 އަހަރު ކުރިން މީހަކު ވަގަށް ނެގި ކުއްޖަކު ދިރިހުއްޓައި އެ ގައުމުގެ ފުލުހުން ހޯދައިފި އެވެ.

ބީބީސީ ބުނީ 1998 ވަނަ އަހަރު ގެއްލުނު ކާމިޔާ މޮބްލީ ނަމަކަށް ކިޔާ އެ ކުއްޖާ ހޯދީ ސައުތު ކެރޮލީނާ ސްޓޭޓްގެ ފުލުހުން ކަމަށާއި އެކުއްޖާ ވަގަށް ނަގައިގެން ގެންގުޅުނު ގްލޯރިއާ ވިލިއަމްސް ނަމަކަށް ކިޔާ އުމުރުން 51 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކުއްޖާ ހޯދުނު އިރު މޮބްލީ ދިރިއުޅެމުން ދިޔައީ އެހެން ނަމެއްގަ އެވެ. އަދި އޭނާ ގަބޫލު ކުރަމުން އައިސްފައި ވަނީ ގްލޯރިއާ ވިލިއަމްސް އަކީ އޭނާގެ މަންމަ ކަމަށެވެ.

ސައުތު ކެރޮލީނާގެ ޖެކްސަން ވިލީ ޝެރިފްސް އޮފީހުން ބުނެފައި ވަނީ ހޯދިފައި ވަނީ މޮބްލީކަން ޑީއެންއޭ ޓެސްޓްތަކުން ވެސް ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މޮބްލީ ހޯދުމަށް އެހީތެރިވުމަށް ފާއިތުވި އަހަރުތަކުގައި 2500 ފަހަރު މީހުން މައުލޫމާތު ދީފައިވާ ކަމަށާއި އޭނާ ހޯދުމަށް މަގުފަހިވި މައުލޫމާތު ލިބުނީ މިދިޔަ އަހަރު ކަމަށް ވެސް އެ އޮފީހުން ބުނެފައި ވެއެވެ. އެގޮތުން ލިބުނު މައުލޫމާތުގެ ތެރޭގައި މޮބްލީގެ ކުޑައިރުގެ ފޮޓޯއަކާއި އޭނާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ފޮޓޯއެއް ހިމެނެއެވެ.

މޮބްލީ ހޯދުނުކަން އޭނާގެ އަސްލު އާއިލާއަށް މިހާރު ވަނީ އަންގާފަ އެވެ. ނަމަވެސް އޭނާއަކީ މިހާރު ބޮޑު މީހަކަށް ވެފައި ވާތީ އެއާއިލާއާ ގުޅެން ނުވަތަ ނުގުޅެން ނިންމާނީ އެމެރިކާގެ ގާނޫނު ބުނާ ގޮތުން އޭނާ އަމިއްލައަށެވެ.