ޑޮނަލްޑް ޓްރަމްޕް

ހެކްކުރި މައްސަލާގައި ސެނެޓުން ޓްރަމްޕް ޓީމާ ސުވާލު ކުރަނީ

Jan 14, 2017

އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ރަޝިޔާއިން ހެކްކުރި ކަމަށް ބުނާ މައްސަލައިގައި ރައީސް ކަމަށް އިންތިހާބުވެފައިވާ ޑޮނަލްޑް ޓްރަމްޕް އެކުލަވާފައިވާ އާ ސަރުކާރުގެ އިސްބޭފުޅުންނާ ސުވާލު ކުރަން އެމެރިކާގެ ސެނެޓްގެ އިންޓެލިޖެންސް ކޮމިޓީން ނިންމައިފި އެވެ.

ރަޝިޔާއިން ހެކްކުރި މައްސަލައިގެ ތަހުގީގުގައި ޓްރަމްޕް ޓީމާ އެކަމާ ގުޅުމެއް އޮތްތޯ ބެލުމުގެ މަސައްކަތް ނުހިމެނޭ ކަމަށް އިންޓެލިޖެންސް ކޮމިޓީގެ ޗެއާމަން ރިޗާޑް ބޫރް ނޫސްވެރިން ގާތު ވިދާޅުވީ އިއްޔެއެވެ. ބޫރް އަކީ ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީ ތަމްސީލު ކުރައްވާ މެމްބަރެކެވެ.

އިއްޔެ އެހެން ވިދާޅުވުމަށް ފަހު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސްބޭފުޅާ ކަމަށްވާ މާކް ވޯނާއާއެކު މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ޓްރަމްޕް ސަރުކާރުގެ އިސް ބޭފުޅުންނާއި އޮބާމާ ސަރުކާރުގެ އިސް ބޭފުޅުންނާ ވެސް އެ މައްސަލަގައި ސުވާލު ކުރާނެ ކަމަށެވެ.

ޖަވާބުދާރީ ވުމަށް މަޖުބޫރު ކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

"ޖާސޫސީ މައްސަކަތްތައް ހިނގާ ނުހިނގާ ގޮތް ބަލާ ސެނެޓްގެ ކޮމިޓީގެ ހައިސިއްޔަތުން ، އަހަރެމެން ގަބޫލު ކުރަނީ އެމެރިކާއަށް އަސަރު ކުރުވާ ގޮތަށް ރަޝިޔާއިން ކޮށްފައިވާ ޖާސޫސީ މަސައްކަތްތައް ފުރިހަމައަށް އެނގެން ޖެހޭ ކަމަށް،" ބަޔާނުގައި ވެއެވެ.

ޖާސޫސީ މަސައްކަތްތައް ބަލާ ކޮމެޓީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ރަޝިޔާއާއި ޓްރަމްޕްޓީމާ ގުޅުމެއް ވޭތޯ ތަހުގީގެއް ކުރަން ފަށާފައިވޭތޯ ނުވަތަ ނޫންތޯ އެފްބީއައިގެ ޑިރެކްޓާ ޖޭމްސް ކޮމޭ އާއި އިއްޔެ ސުވާލު ކުރުމުން ސާފު ޖަވާބެއް ނުދީ ވަނިކޮށެވެ. ސެނެޓްގައި އިއްޔެ ބޭއްވި ސިއްރު ބައްދަލުވުމެއްގައި ކޮމޭއާ އެ ސުވާލު ކުރުމުން ސާފު ޖަވާބެއް ނުދީގެން ސެނެޓްގެ މެމްބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. -- ދަ ގާޑިއަން