ދުނިޔެ

މީހަކު ނުމަރާ 24 ގަޑިއިރު: އެލްސެލްވެޑޯގައި އާދަޔާ ހިލާފު ދުވަހެއް!

ނިއުޔޯކް ޓައިމްސް - މިދިޔަ ބުދަ ދުވަހުގެ ފަހު ވަގުތުތައް ގުނަމުން ދިޔައިރު އެދުވަސް ވެގެން ދިޔައީ އެލްސެލްވެޑޯގައި ފާހަގަކޮށްލެވޭ ދުވަހަކަށެވެ. އާދަޔާ ހިލާފު ކަމެއް ހިނގީއެއް ނޫނެވެ. ގަވައިދުން ހިނގަމުން އަންނަ ކަމެއް ނުހިނގީ އެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ކުށްކުރުން އެންމެ ގިނަ އެ ގައުމުގައި އެދުވަހު ވީ ކަމަކީ ގަތުލެއް ނުހިނގައި ދުވަސް ނިމިގެން ދިއުމެވެ.

އެލްސެލްވެޑޯގެ ނެޝަނަލް ސިވިލް ޕޮލިސްގެ ވެރިޔާ ހޮވާޑް ކޮޓޯ ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މީހަކު މެރުމުގެ ހާދިސާއެއް ބުދަ ދުވަހު ނުހިނގީ ސީދާ ކޮން ސަބަބަކާ ހެދި ކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ 2017 ވަނަ އަހަރުގެ ފުރަތަމަ 10 ދުވަސް ތެރޭގައި ވެސް އެގައުމުގައި 99 މީހުން މަރާފައިވާ ކަމަށެވެ. އެއީ އެވްރެޖްކޮށް ދުވާލަކަށް 10 މީހުންނެވެ.

ހަނގުރާމައެއް ހިނގަމުން ނުދާ ގައުމުތަކުގެ ތެރެއިން ދުނިޔޭގައި މީހުން މެރުން އެންމެ ގިނަ ގައުމުގެ ރެކޯޑް އޮންނަނީ އެލްސެލްވެޑޯގަ އެވެ. އާބާދީގައި 6.5 މިލިޔަން މީހުން ދިރިއުޅޭ މެދުތެރޭ އެމެރިކާގެ ފަގީރު އެ ގައުމުގައި މީހުން މަރަނީ ގޭންގްތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކުގަ އެވެ.

ކޮޓޯ ވިދާޅުވާ ގޮތުގައި މިދިޔަ އަހަރުން ފެށިގެން ހަމަނުޖެހުންތައް އަންނަނީ މަދުވަމުންނެވެ. ނަމަވެސް އެ އަހަރު ވެސް 5278 ގަތުލު އެ ގައުމުގައި ހިނގާފައި ވެއެވެ. އެއީ އެވްރެޖްކޮށް ދުވާލަކަށް 14 ގަތުލަށް ވުރެ އިތުރު އަދަދެކެވެ.

އެލްސެލްވެޑޯގެ ގޭންގްތަކާއި ދެމެދު ހަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް އެގައުމުގެ ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުމެއް ރައީސް ސަންޗޭޒް ސެރެން މިދިޔަ އަހަރު ވަނީ އުވައިލައްވާފަ އެވެ. އަދި ގޭންގުތައް ހުއްޓުވުމަށް އޭނާ ވަނީ ހަތިޔާރު އެޅި ލަޝްކަރުތަކަށް ނެރުއްވާފަ އެވެ. ބަޑިޖަން ޖެހިއްޖެ ނަމަ ބަޑި ޖެހުމުގެ މިނިވަންކަން ވެސް ފުލުހުންގެ ކޮމާންޑަރުން ފުލުހުންނަށް ދީފައި ވެއެވެ.

ސަރުކާރުން އެޅި އެފިޔަވަޅަށް ރައްދު ދިނުމުގެ ގޮތުން އެލްސެލްވެޑޯގެ އެންމެ ވަރުގަދަ ގޭންގް މާރާ ސަލްވަތުރޫޗާއިން ވަނީ ބޮޑެތި ހަމަނުޖެހުންތައް ހިންގާފައެވެ.

ގޭންގް ހަމަނުޖެހުންތަކުން ސަލާމަތް ވުމަށް 2013 ވަނަ އަހަރުން ފެށިގެން ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ދަނީ އެގައުމު ދޫކޮށް އެމެރިކާއަށް ހިޖުރަކުރަން ފަށާފަ އެވެ. އެމީހުން ދަތުރު ކުރަނީ މެކްސިކޯއާއި ގުއާޓެމާލާ ތެރެއިން ލާފައެވެ.