ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭއަށް ގެންނަ ފްރެންޗައިޒްތައް ހިންގާނެ ފަރާތްތައް ހޯދަނީ

  • އެއް ކޮންސެޕްޓަށްވުރެ ގިނައިން ހުށަހެޅޭނެ
  • ބީލަން ހުށަހެޅުން ޖަނަވަރީގެ ނިޔަލަށް
  • އާ ޕެސެންޖާ ޓާމިނަލްގައި މި ހިދުމަތް ދޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފްރެންޗައިސް ހަ ބްރޭންޑެއް ގެންނަން ނިންމައި، އެ ރެސްޓޯރަންޓްތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އިއުލާންކޮށްފި އެވެ.

ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަށްޗަށްވާ ގޮތަށް ރެސްޓޯރަންޓް ސްޕޭސްގެ ގޮތުގައި ކަނޑައެޅި ތަންތަނަށް ގެންނަން ހަމަޖެހިފައިވާ ދުނިޔޭގެ މަޝްހޫރު ފޫޑް ބްރޭންޑް ތަކުގެ ތެރޭގައި ކޭއެފްސީ އާއި މެކްޑޮނަލްޑް، ސްޓާބަކްސްގެ އިތުުން ޕިއްޒާ ހަޓް، ބާސްކިން ރޮބިންސް ފަދަ ބްރޭންޑްތަކެވެ. އިންޓަނޭޝަނަލް ފްރެންޗައިޒްގެ ހަ ރެސްޓޯރެންޓް އެ އޭރިއާގައި ގާއިމްކުރާނެ އެވެ.

އެމްއޭސީއެލް އިން މިއަދު ވަނީ އެ ރެސްޓޯރަންޓްތައް ހިންގަން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވައި، އެކަން އާންމުކޮށް އިއުލާންކޮށްފަ އެވެ. ބީލަން ހުށަހެޅުމަށް މުއްދަތު ދީފައިވަނީ މިމަހުގެ ނިޔަލަށެވެ. ޝައުގުވެރިވާ ފަރާތްތަކަށް އެއް ކޮންސެޕްޓަށް ވުރެ ގިނައިން ވެސް ކުރިމަތިލެވޭނެ އެވެ.

ގިނަ އަދަދެއްގެ މަޝްހޫރު ރެސްޓޯރަންޓް ބްރޭންޑްތަކެއް އެއާޕޯޓަށް ތައާރަފްކުރަން އެމްއޭސީއެލުން މަސައްކަތް ފަށާފައިވާއިރު، އެ ވިސްނުމަކީ މީގެ ކުރިން ވެސް ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރި ވިސްނުމެއް ކަމަށް އެމްއޭސީއެލުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމުން އާ ޕެސެންޖާ ޓާމިނަލް ޓާމިނަލްގައި ފްރެންޗައިޒް ހުޅުވަން ވެސް އިސްކަންދޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ވީއައިއޭގައި މިހާރު ވެސް އިންޓަނޭޝަނަލް ފްރެންޗައިޒްގެ ހިދުމަތްދެ އެވެ. މިގޮތުން ހިދުމަތްދޭ ބައެއް ބްރޭންޑްތަކުގެ ތެރޭގައި ނޫޑީ އާއި ބާގާކިންގްގެ އިތުރުން ކޮފީ ކްލަބާއި ތައިއެކްސް ޕްރެސް ހިމެނެ އެވެ.