މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ކޭކެއްގައި ޖަލަށް މަސްތުވާތަކެތި ވެއްދި އަންހެނަކު އަތުލައިގެންފި

Jan 14, 2017

މާފުށީގައި ހުންނަ ސަރުކާރުގެ މައި ޖަލަށް ޒިޔާރަތް ކުރި އަންހެނަކު ކޭކެއްގެ ތެރޭގައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް އަތުލައިގެންފި އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ އެ އަންހެން މީހާ ޖަލަށް ޒިޔާރަތް ކުރީ އާއިލީ ބައްދަލުވުމަށް ދިން ފުރުސަތެއްގައި ޖަލުގައި ހުރި އޭނާގެ ބޭބެއާ ބައްދަލު ކުރުމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ ފަހަކަށް އައިސް ގައިދީންނާ ބައްދަލުކުރަން ޖަލަށް ދާމީހުން ޖަލަށް ވައްދަން ހުއްދަ ނުކުރާ ތަކެތި ވައްދަން މަސައްކަތްކުރަނިކޮށް އަތުލައިގަނެވޭލެއް އިތުރުވެފައިވާ ކަމަށާއި މި އަންހެން މީހާ އަތުލައިގަތް އިރު މިދިޔަ ޑިސެންބަރު މަހުވެސް އާއިލީ ބައްދަލުވުމަށް ދިޔަ މީހެއްގެ އަތުން ވަނީ ސްމާޓް ފޯނަކާއި ޗާޖަރަކާއި ބައްތި ފޯނެއްގެ ބެޓެރިއާ ސިމްކާޑެއް އަތުލާފައެވެ. އެތަކެތިވެސް ފޮރުވާފައި ހުރީ އޭނާ ގެންދިޔަ ބައެއް ސާމާނުގެ ތެރޭގަ އެވެ.

"... ހުއްދަ ނުކުރާ ތަކެތި ޖަލުތަކަށް އެތެރެކުރުމަށް މަސައްކަތްކުރުމަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީން އިސްލާހުވުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. މިފަދަ ކަންކަމަކީ އެމްސީއެސްއިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއްކަމުގައި ދަންނަވަމެވެ. އަދި މިފަދަ ގައިދީންނަށާއި މުޖްތަމައުއަށް ގެއްލުންހުރި ކަންތައްތައް ނުކުރުމަށް އާއިލާތަކަށާއި އާންމުންނަށް އިލްތިމާސް ކުރަމެވެ،" ކަރެކްޝަންގެ ވެބްސައިޓްގައި ވެއެވެ.