އިންޑިއާ ސަރުކާރުން ހިންގާ ކޮޓަން ފޮތި އަތުން ވިއުމުގެ ސަގާފީ ސިނާއަތް އިޝްތިހާރު ކުރުމުގައި ކުރިން ބޭނުން ކުރަމުން އައި އެގައުމުގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ ފޮޓޯގެ ބަދަލުގައި ބޮޑުވަޒީރު ނަރެންދުރާ މޯދީގެ ފޮޓޯ ބޭނުން ކުރަން ފެށުމުން ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.
އަތުން ފޮތި ވިޔާ ކާދީ ވިލެޖް އިންޑަސްޓްރީ އިޝްތިހާރު ކުރުމަށް ތައްޔާރުކުރި މިއަހަރުގެ ކަލަންޑަރާއި ޑައިރީގައި މިއަހަރު ޖަހާފައި ވަނީ ފޮތި ވިޔާ ސްޕިނިން ވީލެއްގެ ކައިރީގައި މޯދީ މަސައްކަތުގައި އިންނަވާ މަންޒަރު ދައްކައިދޭ ފޮޓޯއެކެވެ.
ކާދީ ވިލެޖް އިންޑަސްޓްރީސް ކޮމިޝަން ( ކޭވީއައިސީ)ގެ ކަލަންޑަރާއި ޑައިރީގައި ކުރިން އާއްމުކޮށް ޖަހާފައި ހުންނަނީ ގާންދީ ފޮތި ވިއުއްވަން އިންނަވާ މަންޒަރު ފެންނަ ފޮޓޯއެކެވެ.
އިންޑިއާގެ އާއްމުންނާއި އިދިކޮޅު ފަރާތްތަކުން އެކަމާ ފާޑު ކިޔައި މޯދީއަށް ޖޯކް ޖަހަން ފެށުމުން ކޭވީއައިސީ އިން ވަނީ މޯދީގެ ފޮޓޯ ޖަހަން ނިންމި ނިންމުން ދިފާއުކޮށް ވާހަކަ ދައްކާފައެވެ.
"އޭނާ އަކީ ކާދީގެ އެންމެ ބޮޑު ބްރޭންޑް އެމްބެސެޑަރް" ވިނައި ކުމާރު ސެޒޭނާ ވިދާޅުވި ކަމަށް ރޮއިޓާސް ބުންޏެވެ.
ސެޒޭނާ ވިދާޅުވެފައި ވަނީ ކާދީ އިންޑަސްޓްރީ އިޝްތިހާރު ކުރަން ގާންދީ ނޫން ޝަޚުސިއްޔަތުތަކުގެ ފޮޓޯ ކުރިން ވެސް ބޭނުންކޮށްފައި ވާނެ ކަމަށެވެ.
ނަމަވެސް އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ވަނީ މޯދީގެ ފޮޓޯއަށް ވަރަށް މަލާމާތް ކުރަން ފަށާފަ އެވެ.
"ގާންދީ އަށް ވުމަށް އަހަރުތަކެއް ވަންދެން ގުރުބާނީ ތަކެއް ވާން ޖެހޭ" ނިއު ދިއްލީ ސްޓޭޓްގެ ސްޓޭޓް މިނިސްޓަރު އަރުވިންދު ކަޖުރުވާލް ހިންދީ ބަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.