ޗައިނާ

ޗައިނާ އިން ޕާކިސްތާނަށް އަސްކަރީ ދެ އުޅަނދު ދީފި

ޗައިނާއިން ޕާކިސްތާނަށް ރަނގަޅު ފެންވަރުގެ އަސްކަރީ ދެ އުޅަނދު ހަދިޔާކޮށްފި އެވެ. ޕާކިސްތާނުގެ ޑޯން ނޫހުން މިއަދު ބުނީ ޗައިނާއިން ބަނދެފައިވާ އެ ދެ އުޅަނދު ހަދިޔާ ކުރީ ޕާކިސްތާނުގެ ގްވާދަރު ބަނދަރުގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

ޕާކިސްތާނުގެ ފަރާތުން އުޅަނދުތަކާ ހަވާލުވެވަޑައިގެންނެވީ އެ ގައުމުގެ ކަނޑުގެ ފްލީޓްގެ ކޮމާންޑަރު ވައިސް އެޑްމިރަލް އާރިފުﷲ ޙުސައިނީ އެވެ.

ރަނގަޅު ފެންވަރުގެ ހަތިޔާރާއެކު ފައްކާކޮށްފައިވާ އެ ދެ އުޅަނދަށް ނަންދީފައިވަނީ ޕާކިސްތާނުގެ ދެކޯރު ކަމަށްވާ ހިންގޯލް އާއި ބަސޮލް ގެ ނަމުންނެވެ.

ޗައިނާ ސަރުކާރުން ޕާކިސްތާނަށް ދެ އުޅަނދު ހަދިޔާ ކުރީ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕީއީސީ)ގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އެކަމުގައި ޗައިނާއިން ޕާކިސްތާނަށް ވެދޭ އެހީގެ ދަށުން އިތުރު ދެ އުޅަނދު ދޭނެ ކަމަށް ޕާކިސްތާނުގެ އޮފިޝަލުންނާ ހަވާލާދީ ޑޯން ނޫހުން ބުންޏެވެ.

ސީޕީއީސީގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ޕާކިސްތާނުން ވަނީ އާ ލަޝްކަރެއް ވެސް އެކުލަވާލާފަ އެވެ.

އުޅަނދުތައް ހަދިޔާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވައިސް އެޑްމިރަލް ހުސައިނީ ވިދާޅުވީ ސީޕީއީސީ އަކީ ހަގީގަތެއް ކަމަށާއި އެކަމުގެ މަންފާ ޕާކިސްތާނުގެ އިތުރުން މުޅި އެ ސަރަހައްދަށް ވެސް ކުރާނެ ކަމަށެވެ.