ސްރީލަންކާ

ހަނޑޫ އެތެރެ ކުރުމުގައި ލަންކާ އަމަލުކުރި ގޮތުން 15 ބިލިޔަން ރުޕީސްގެ ގެއްލުން

ސަން ޑޭޓައިމްސް ލަންކާ - ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ހަނަފަސް ކަމުގެ ސަބަބުން ކާޑަށް ޖެހިދާނެތީ އެ ގައުމަށް ހަނޑޫ އިމްޕޯޓް ކުރުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ލަންކާ ސަރުކާރުން އެކަމަށް ތައްޔާރުވާ ކަން ހާމަ ކޮށްފައި ވަނިކޮށް އެގައުމުގެ އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ބުނީ 2014 އަދި 2015 ވަނަ އަހަރު ހަނޑޫ އިމްޕޯޓް ކުރުމުގައި ނަހަމަ ކަންތައްތަކެއް ހިނގައި އޭގެ ސަބަބުން 15 ބިލިޔަން ރުޕީސްގެ ގެއްލުން ވެފައިވާ ކަމަށެވެ.

ލަންކާގެ އޮޑިޓާ ޖެނެރަލް އިއްޔެ ނެރުއްވި ރިޕޯޓަކީ އެގައުމުގެ ޕާލަމެންޓްގެ ޕަބްލިކް ކުންފުނިތަކުގެ ކަންތައްތައް ބަލާ ކޮމިޓީން އެދިގެން ކުރި ތަހުގީގަކަށް ފަހު އެކުލަވައިލި ރިޕޯޓެކެވެ. އެ އިރިޕޯޓްގައި ބުނެފައި ވަނީ އޭރު އެތެރެ ކުރި ހަނޑުލުގެ ސްޓޮކް އަދި ވެސް ހުރުމުން މާލީ ގޮތުން ގެއްލުން ލިބުން އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ލަންކާ ސަރުކާރުގެ ލަންކާ ސަތޯސާ ނަމަކަށް ކިޔާ ކުންފުނިން ހަނޑުލުގެ ސްޓޮކް އެތެރެކުރީ 27 ބިލިޔަން ރުޕީސް ހަރަދުކޮށްގެން ކަމަށާއި އެ ފައިސާ ހޯދީ ލޯނު ނަގައިގެން ކަމަށެވެ. އަދި ބުނެފައި ވަނީ ހަނޑޫ ވިއްކައިގެން ހޯދިފައި ވަނީ 11.8 ބިލިޔަން ރުޕީސް ކަމަށާއި އެހެންވެ 15 ބިލިޔަން ރުޕީސްގެ ގެއްލުންވެފައިވާ ކަމަށެވެ.

ލަންކާ އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި ބުނެފައި ވަނީ ފާއިތުވި ދެއަހަރު އެތެރެކުރި ހަނޑުލުގެ ތެރެއިން 23751 މެޓްރިކް ޓަނުގެ ހަނޑޫ އަދިވެސް އަމިއްލަ މީހުންގެ ގުދަން ތަކުގައި އެބަހުރި ކަމަށާއި ދައުލަތުގެ ކުންފުނި ލަންކާ ސަތޯސާއިން އެތަންތަނަށް ކުލި ދައްކަމުން އަންނަ ކަމަށެވެ.