ރެފިއުޖީން

އަނެއްކާވެސް 100 އަށްވުރެ ގިނަ ރެފިއުޖީން ޣަރަގުވެއްޖެ

ދަ އިންޑިޕެންޑެންޓް - މެދުއިރުމައްޗާއިން އެފްރިކާއިން ޔޫރަޕަށް ހިޖުރަކުރަން މަސައްކަތްކުރާ ރެފިއުޖީން ކަނޑުވެ ޣަރަގުވުމުގެ ހާދިސާތަކަށް ބޮޅެއް އިތުރުވެ، އަނެއްކާވެސް 100 ވުރެ ގިނަ ރެފިއުޖީން ޣަރަގުވެއްޖެ އެވެ.

މެޑިޓަރޭނިއަން ކަނޑުގައި ރެފިއުޖީންނާއިގެ ދަތުރުކުރި އުޅަނދެއް ފެތި 100 ރެފިއުޖީން ޣަރަގުވެފައި މިވަނީ ލީބިޔާއާއި އިޓަލީއާއި ދެމެދު މެޑިޓަރޭނިއަން ކަނޑުގައި ހާލުގައި ޖެހިފައި ތިބި 550 ރެފިއުޖީން ސަލާމަތްކުރިތާ އެއްދުވަސް ފަހުންނެވެ.މިފަހަރު ހިނގި ހާދިސާގައި ފެތުނު ބޯޓުން ދަތުރުކުރި 110 މީހުންގެ ތެރެއިން ދިރިހުރި މީހަކު ފެނޭތޯ އިޓަލީގެ ކަނޑުގެ ސިފައިން މިހާރު ދނީ މެޑިޓަރޭނިއަން ކަނޑުގައި އަތްފުނާ އަޅަމުންނެވެ.

މެދުއިރުމަތީގެ ގައުމުތަކުން ޔޫރަޕަށް ދިއުމަށް މެޑިޓަރޭނިއަން ކަނޑު ހުރަސް ކުރުމުގެ ތެރޭގައި މިދިޔަ އަހަރު އެކަނި ވެސް 5000 އަށް ވުރެ ގިނަ ރެފިއުޖީން މަރުވިކަމަށް އދ. ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ހުކުރު ދުވަހު ބުންޏެވެ. މިދިޔަ އަހަރު މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް 363348 މީހުން ޔޫރަޕަށް ދަތުރުކުރި ކަމަށެވެ. އަދި އޭގެ އިތުރުން 5079 މީހުން ކަނޑަށް ޣަރަގުވެ ނުވަތަ ގެއްލިފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ޔޫއެންގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ހުކުރު ދުވަހު އާއްމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ވަގުތީ ތަފާސްހިސާބު ތަކެވެ. އެހެންވެ ފާއިތުވި ޑިސެމްބަރު މަހުގެ ތަފާސް ހިސާބުތައް އޭގެ ތެރޭގައި އަދި ނުހިމެނޭނެ އެވެ. ޑިސެމްބަރު މަހުގެ ތަފާސް ހިސާބުތައް ހިމެނުމުން ގެއްލުނު ނުވަތަ މަރުވިމީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

އދ. ރެފިއުޖީންނާ ބެހޭ އެޖެންސީގެ ޑިރެކްޓާ ޖެނެރަލް ވިލިއަމް ލޭސީ ސްވިންގް ވިދާޅުވެފައި ވަނީ މެދުކެނޑުމެއް ނެތި ރެފިއުޖީން އަންނަމުންދިއުމާއި ކަނޑުގައި ހާލުގައި ޖެހޭ މީހުން ސަލާމަތްކުރަން ޖެހޭ ޖެހުމާއި މެދު ޔޫރަޕްގައި އުފެދިފައިވާ ނުތަނަވަސްކަމަށް ލުޔެއް ލިބޭނީ ރޭވުންތެރިކަމާއި އެކު ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ.

ހުއްދަ ގޮތުގައި ރައްކާތެރިކަމާއެކު ހިޖުރަކުރުމަށް ފުރުސަތު ލިބޭނެ ގޮތްތަކެއް ހޯދުމަށް ސްވިން ވަނީ ގޮވާލައްވާފަ އެވެ. އެގޮތުން ވޯކް ވިސާއާއި ފެމިލީ ރިޔުނިފިކޭޝަންއާއި ވަގުތީ ގޮތުން ހިމާޔަތް ދިނުން ފަދަ ކަންތައްތައް ހަމަޖައްސައި ދެވިދާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.