ފަލަސްތީން

ވެޓިކަން ގައި ފަލަސްތީނު އެމްބަސީއެއް ހުޅުވަނީ

ކެތަލިކް ކްރިސްޓިއަނުންގެ މައި ޗާޗް ހުންނަ ވެޓިކަން ސިޓީގައި ފަލަސްތީނުގެ އެމްބަސީއެއް ހުޅުވަން ފަލަސްތީނު ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

އަލްޖަޒީރާ އިން ބުނީ މެދު އިރުމަތީގެ ސުލްހައާބެހޭ ގޮތުން ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ ބޮޑު ބައްދަލުވުމުގެ ކުރިން، އަންނަ ހޮނިހިރު ދުވަހު ވެޓިކަންގައި އެމްބަސީ ހުޅުވަން ފަލަސްތީނު ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެކަމާ ބެހޭ މަޝްވަރާތައް ކުރެއްވުމަށް ފަލަސްތީނުގެ ރައީސް މަޙުމޫދު އައްބާސް ވެޓިކަން އަށް ވަޑައިގެން ޕޯޕް ފްރެންސިސްއާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

ވެޓިކަން އަށް ފަހު އައްބާސް ދެން ވަޑައިގަންނަވާނީ އިޓަލީގެ ވެރިރަށް ރޯމްއަށެވެ. އެ ރަށުގައި އިޓަލީގެ ބޮޑުވަޒީރު ޕައޯލޯ ޖެންޓިލޯނީއާ އައްބާސް ބައްދަލު ކުރައްވާނެ އެވެ.

ފަލަސްތީނުން ވެޓިކަން އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިއްސާ ކަސިއަސިއާހް ވިދާޅުވީ ވެޓިކަންގައި އެމްބަސީ ހުޅުވުމަކީ ފަލަސްތީނު މީހުންނަށް ލިބޭ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއް ކަމަށެވެ.

އިސްރާއީލާއި ގާތް ގުޅުމެއް އޮންނަ ވެޓިކަން އަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ތާއީދުކުރާ ގައުމެކެވެ. ފަލަސްތީނުން ބޭނުންވަނީ 1967 ވަނަ އަހަރު އޮތް ސަރަހައްދީ ރޮނގުގެ ތެރޭގައި ދައުލަތެއް އުފެއްދުމަށެވެ. އަދި އެދައުލަތުގެ ވެރިރަށަކީ ގުދުސްކަމުގައި ހަމަޖެއްސުމަށެވެ. އެކަމަށް ތާއީދުކުރައްވާ ކަން ޕޯޕް ވަނީ ކުރިން ހާމަކުރައްވާފަ އެވެ.