ދުނިޔެ

ކޮސޯވޯއަށް ޖެއްސުން ކުރަން ސާބިއާއިން ރޭލެއް ފޮނުވައިފި

ލޭ އޮހޮރުވުން ބޮޑު ހަމަނުޖެހުން ތަކަކަށް ފަހު ސާބިޔާގެ އަތްދަށުން މިނިވަންވެފައިވާ ކޮސޯވޯގެ ރައްޔިތުންނަށް ސާބިޔާއިން ޖެއްސުން ކުރުމުގެ އަމަލެއް ހިންގައިފި އެވެ.

ސާބިޔާއިން ކުރި ކަމަކީ ތަފާތު ވިހި ބަހަކުން "ކޮސޯވޯއަކީ ސާބިޔާގެ ބައެއް" މިހެން ލިޔެފައިވާ ރޭލެއް ކޮސޯވޯއަށް ފޮނުވުމެވެ. އެރޭލުގައި އޮތޯޑޮކްސް ކްރިސްޓިއަނުންގެ ޝިއާރުތަކާއި ސާބިޔާގެ ދިދަ ވެސް ޖަހާފައި ވެއެވެ. މިދިޔަ ހޮނިހިރު ދުވަހު ސާބިޔާގެ ވެރިރަށް ބަލްގްރޭޑުން ކޮސޯވޯއަށް ދިޔަ އެރޭލު ކޮސޯވޯއިން ވަނީ ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގާ ހިސާބުން ހުއްޓުވާފަ އެވެ.

ކޮސޯވޯ ސަރުކާރުން ބުނީ އެގައުމުގެ ތެރެއިން ލާފައި ދަތުކުރުމަށް ސާބިޔާއިން އެ ރޭލު ފޮނުވުމަކީ އެ ގައުމުގެ ސިޔާދަތަށް ގެއްލުން ދިނުމަށް ކުރި ކަމެއް ކަމަށެވެ. އަދި އެ ރޭލު ކޮސޯވޯގެ ތެރެއަށް ނުވައްދާނެ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ވައުދުވެފައެވެ.

ބަލްގްރޭޑުން ކޮސޯވޯއަށް ދަތުރުކުރި ރޭލު ސާބިޔާގެ ރަށެއް ކަމަށްވާ ރަސްކާގައި މަޑު ކުރުމަށް ސާބިޔާގެ ބޮޑުވަޒީރު އެލެގްޒެންޑާ ވުސިޗް ކުރިން ވަނީ އަމުރު ކުރައްވާފަ އެވެ. އޭނާ އެގޮތަށް އަމުކުރު ކުރެއްވީ ކޮސޯވޯގެ އަލްބޭނިއާ ދަރިކޮޅުގެ މުސްލިމުން ރެއިލްވޭގައި މައިން އަޅަން އުޅޭ ކަމަށް ތުހުމަތު ކުރެއްވުމަށް ފަހުގައެވެ.

ސާބިޔާ ސަރުކާރުން ކޮސޯވޯގެ މުސްލިމުންނާ ދެކޮޅަށް ގަތުލު އާއްމުތައް ހިންގަން ފެށުމުން ބައިނަލް އަގުވާމީ މުޖުތަމައުން އެކަން ހުއްޓުވައި ކޮސޯވޯއަށް މިނިވަންކަން ދިނީ 2008 ވަނަ އަހަރުއެވެ. ކޮސޯވޯއަކީ މިނިވަން ދައުލަތެއް ކަމަށް އިއުލާން ކުރިޔަސް ސާބިޔާއިން އެކަން ބަލައެއް ނުގަނެއެވެ. އަދި އެގައުމުގެ އުތުރުގައި ސާބިޔާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ސަރަހައްދަށް ސާބިޔާއިން އަދިވެސް ދަނީ ނުފޫޒު ފޯރުވަމުންނެވެ. -- ނިއުޔޯކް ޓައިމްސް