ހަބަރު

މުޒާހަރާތަކުގެ ތެރެއަށް ވަދެ ގެއްލުންދޭ މީހުން ހޯދާ ފިޔަވަޅު އަޅާނަން: ޕޮލިސް

Mar 16, 2015
1

މާލޭގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކާއި އެއްވުންތަކުގެ ތެރެއަށް ވަދެ މީހުންނަށާއި ތަކެއްޗަށް ގެއްލުންދޭ މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ އެއްވުންތަކާއި މުޒާހަރާތަކުގެ ތެރެއަށް ބަޔަކު ވަދެ ކަޅުތޮޔޮ ޖަހައި އެއްވުމުގައި ބޭނުންކުރާ ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން އެއްވުންތަކުގެ ބައެއް ބައިވެރިންނަށާއި ނޫސްވެރިންނަށައި ފުލުހުންނަށް ހަމަލާދީ އެކިވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށާއި  ގާނޫނުން ލިބެދޭ އިންތަކުގެތެރޭގައި އެއްވުމެއް ކުރިޔަށް ގެންދަނިކޮށް، ބޭރުން ބަޔަކު ވަދެ އެކިކަހަލަ ގޯނާތައްކޮށް ބައިވެރިންނާއި ނޫސްވެރިންނާއި ފުލުހުންނަށް އަނިޔާކުރާ މައްސަލަ ކުށްވެރި ކުރާ ކަމަށެވެ.

"އެއްވުންތަކުގެ ތެރެއަށް ބޭރުން އައިސް ވަނުމަށްފަހު ބައެއްފަހަރު އަނިޔާވެރި ޢަމަލުތައް ހިންގައި އެއްވުމުގައި ބޭނުންކުރާ ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތަކެއް ކުރިމަތިވުމާއެކު ފުލުހުން މިދަނީ އެފަދަ މައްސަލަތައް ބަލަމުންނެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ. "އެފަދަ މައްސަލަތަކުގައި ކުށްވެރިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަމުންގެންދާނެ ވާހަކަ ދަންނަވަމެވެ،"

މީގެ އިތުރުން ފުލުހުން ބުނީ މުޒާހަރާ ކުރާ ފަރާތްތަކުން ވެސް އާންމުންގެ ހައްގުތަކަށް އިސްކަންދީގެ އެއްވުންތައް ކުރިޔަށް ގެންދިއުމަަށް އެދޭ ކަމަށާއި ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގައި އަޑުގަދަކޮށް، އުނދަގޫވާގޮތަށް ޢަމަލުތައް ނުބަހައްޓަން އިލްތިމާސް ކުރާ ކަމަށެވެ.

ފުލުހުން މިފަދަ ބަޔާނެއް ނެރުނު އިރު އެމްޑީޕީން މިހާރު ސިލްސިލާކޮށް ކުރިޔަށްގެންދާ މުޒާހަރާތަކުގެ ތެރެއަށް ވަރަށް ގިނަ ރޭރޭ ބަޔަކު މީހުން ވަދެ ވަނީ އެކިވަރުގެ ގެއްލުންދީފައެވެ. ރޭވެސް އެމްޑީޕީގެ މުޒާހަރާ ރަނގަޅަށް ނުފެށެނީ ބަޔަކު ވަނީ އެމްޑީޕީގެ މުޒާހަރާ ޕިކަޕަށް ގެއްލުންދީ ބައެއް މީހުނަށް ބިރު ދައްކާފައެވެ.