ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ހިދުމަތަށް ހަފުތާއެއް: ޑޮލަރު ކިޔޫއެއްހެން ހީވެސްނުވޭ!

Jan 15, 2017
4

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ޑޮލަރު ފޯރުކޮށްދިނުމަށް ބީއެމްއެލްއިން އަލަށް ތައާރަފްކުރި އޮންލައިން ބުކިން ނިޒާމުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ޑޮލަރު ދޫކުރަން ފެށިތާ މިއަދަށް ހަފްތާއެއްވީ އެވެ.

ވީއައިއޭ އިން ރާއްޖެއިން ބޭރަށް ދާ ދިވެހިން މި ޚިދުމަތް ބޭނުންކުރާ ގޮތާއި އެފަރާތްތައް ކޮށްފައިވާ ތަޖްރިބާ އަވަސް މި ހަފުތާގެ ތެރޭގައި ރާއްޖޭގެ ބޭރަށް ފުރަން ދިޔަ އަވަސް ގެ ދެ ނޫސްވެރިޔަކާ ހިއްސާކުރި އެވެ.

މިދިއަ ބުރާސްފަތި ދުވަހު މެންދުރުފަހު ސްރީ ލަންކާއަށް ފުރަން ގޮސް ބާގާ ކިންގު ކައިރިން ބައްދަލުވި ދެމަފިރިންގެ ތެރެއިން ޝާމިން ބުނީ މިހެނެވެ: "ޑޮލަރު ގަންނަން މިހާރު ބޭންކުން ކުރިއަށް ގެންދާ ގޮތް ވަރަށް ސަޅި. އޮންލައިންކޮށް ފައިސާ ދައްކާލީ ރޭ 10:00 ޖަހާކަށްހާއިރު. މިއަދު ފުރަން އައިސް މި ޑޮލަރު ނެގީ. އެއްވެސް ކިޔޫއެއް ނެތް."

އާ ނިޒާމަށް އަމަލު ކުރަން ފެށުން ފާހަގަކުރުމަށް މިދިޔަ އާދީއްތަ ދުވަހު ހެނދުނު ބޭންކުން ވަނީ އެ ނިޒާމް ބޭނުންކޮށްގެން ޑޮލަރު ނެގި ފުރަތަމަ ދިހަ ކަސްޓަމަރުންނަށް ބޯނަސް ގިފްޓެއްގެ ގޮތުގައި ކޮންމެ ދަތުރުވެރިޔަކަށް 100 ޑޮލަރު ދީފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ނިޒާމުގެ ދަށުން އެއާޕޯޓުން ޑޮލަރު ނެގި 1000 ވަނަ ދަތުރުވެރިޔާއަށްވެސް ބޯނަސް އެއްގެ ގޮތުގައި 100 ޑޮލަރު ދީފައެވެ.

ފުރަން ގޮސް ހުރި އަލީ އިބްރާހިމް ބުނި ގޮތުގައި ކުރިއަށްވުރެވެސް މި ޚިދުމަތް ހޯދަން މިހާރު ބޭންކުން ވަނީ ފަސޭހަ ކޮށްދީފައެވެ. އަދި އޭނާ ބުންޏެވެ؛

"މާ ބޮޑަށްވެސް މިހާރު ފަސޭހަ، އެމްއެމްއޭ އިން ވިއްކި އިރުވެސް ޑޮލަރު ކިޔު އެއް ނެތް. އެކަމަކު ކުއްލިއަކަށް ރޭގަނޑު ނޫނީ ހެނދުނު ހެނދުނާ ފުރާ މީހުންނަށް އެހާ ފަސޭހަ އެއް ނޫން. މިހާރު ބޭނުން ކޮންމެ ގަޑިއެއްގަ ފައިސާ ދައްކާލެވޭ. އަނެއްކާ މިކޮޅު [ވީއައިއޭ] ކައުންޓަރުތަކުން ވަރަށް އަވަހަށް ޚިދުމަތް ދޭ."

ލަންކާއަށް މިއަދު ފުރަން ގޮސް ތިބި މީހުންގެ ތެރޭގައި ހުރި ޒުވާން އަންހެން ކުއްޖަކު އޭނާގެ ނަން ނުހިމެނުމަށް އެދި ބުނި ގޮތުގައި ބޭންކުގެ ޑޮލަރުގެ ހިދުމަތް "މިހާރު ވަރަށް ކޫލް" އެވެ،

"މިހާރު މިހިދުމަތް ވަރަށް ކޫލް، އެއްގޮތަކަށްވެސް ފުރަންވާއިރަށް ޑޮލަރު ނުލިބިގެން ވޮރީ ކުރާކަށް [ހާސްވާކަށް] ނުޖެހޭ. އޮންލައިންކޮށް ޕޭ ކުރީ. ވަރަށް އީޒީ [ފަސޭހަ] މި ސިސްޓަމް،" އޭނާ ބުންޏެވެ.

ބީއެމްއެލް އިން މި ޚިދުމަތް ކުރިއަށް ގެންދާ ގޮތް ބައެއް ދަތުރުވެރިންނަށް ކަމުދަނީ ހަމައެކަނި ސިސްޓަމްގެ ފަސޭހަކަމަކުން ނޫނެވެ. ދަތުރުވެރިންނާ ބަހައްޓާ ގާތް ގުޅުމުންވެސް މެއެވެ. ކައުންޓަރުން ޑޮލަރު ނަގައިގެން ޑިޕާޗާ ގޭޓް ހަތަރަކަށް ވަންނަން ދިޔަ އަސްލަމް ވެސް މިއަދު އެކަން އަވަސްގެ ނޫސްވެރިންނަށް ފާހަކޮށްދިނެވެ.

އޭނާ ބުނި ގޮތުގައި ޑޮލަރުގެ ހިދުމަތް ދިނުމަށް ބޭންކުން ގެނައި ބަދަލުގައި އެންމެ ރަނގަޅަށް ހިނގާ އެއްކަމަކީ ކަސްޓަމަރުންނާމެދު ބާއްވާ ގާތް ގުޅުމެވެ.

"މި ޚިދުމަތް ވަރަށް ރަނގަޅު. ކައުންޓަރުތަކުގެ ތިބޭ ކުދިންގެ އިތުރުން ކައުންޓަރު ބޭރުގައި ކަސްޓަމަރުންނަށް އެހީވާން މެނޭޖަރަކު [ބޭންކުގައި ވަރަށް ޒަމާންވީ އަދި އާންމުންގެ މަގޫބުލުކަން އޮންނަ މެނޭޖަރު ހުސައިން ރަޝީދު] ހުރޭ. ބޭންކަކުން ކަސްޓަމަރުންނަށް ޚިދުމަތް ދޭންވާ ގޮތަށް ވަރަށް ރަނގަޅަށް ޚިދުމަތްދެނީ. ވަރަށް ގިނަ ފަހަރު މިދިޔަ ދެތިން އަހަރު ބޭރަށް ގޮސްފިން އަދި މިހާ ފަސޭހައިން ޑޮލަރު ލިބިފައެއްނެތް." އޭނާ ބުންޏެވެ.

ޒުވާން އަސްލާމާއެކު ފުރަން ގޮސް ހުރި ނަޝީދުވެސް ޑޮލަރު ކައުންޓަރުގައި ދޮޅު މިނެޓް މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ އަށް ވެސް ހިދުމަތާ ބެހޭ ގޮތުން ސުވާލު ކުރީމެވެ.

"އަޅުގަނޑު ހިތަށް އަރާ ކުރީގައި ހަމަ ޑޮލަރު ކިޔު ބޮޑުވަނީ ކީއްވެ ބާއޭ؟ މި ދިޔަ އަހަރުގެ މި ދުވަސްކޮޅު ބޭރަށް ފުރިން. ތިން ދުވަހު ކިޔޫގައި ޖެހިގެން ޑޮލަރު ލިބުނީ،" އޭނާ ބުންޏެވެ. "ހީވާ ގޮތުން 500 އެއް ހާ މީހުން އޭރުވެސް ކޮންމެ ދުވަހަކުވެސްު ބޭންކު ދޮށުގައި ތިބޭ. އަނެއްކާ ޑޮލަރު ގަންނަން އެއްބަޔަކު މިތިބެނީ. މިހާރު ހިޔެއްނުވޭ މި ސިސްޓަމްގެ ތެރެއިން ފުރާ މީހާ ނޫން މީހަކަށް ޑޮލަރު ލިބޭނެ ހެން."

އޮންލައިން ޕޯޓަލް މެދުވެރިކޮށް، ކިޔޫގައި މަޑުނުކޮށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ބުކިން ހަދާ އަދި ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިފައިވީ ނަމަވެސް އޮންލައިންކޮށް ބުކިން ނުހެދޭ ފަރާތްތަކަށް، އެއާޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްް ވެސް ޑޮލަރު ގަތުމަށް މިހާރު ފައިސާ ދެއްކެ އެވެ. އަދި ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ހުރިހާ ވަގުތެއްގައިވެސް އިސްކަން ދެއެވެ. ބީއެމްއެލް އިން ޑޮލަރު ދޫކުރަމުންދަނީ ވީއައިއޭގެ ޑިޕާޗާ ގޭޓް ހަތަރެއްގެ ކުރިމަތީގައި ގާއިމްކޮށްފައިވާ ކައުންޓަރުތަކުންނެވެ.

ޑޮލަރު ވިއްކުމަށް ގެނައި ބަދަލާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ގައުމީ ބޭންކުން ރާއްޖޭގެ ޓީވީ ޗެނަލްތަކުންނާއި އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާގައި ދަނީ މައުލޫމާތު ދެމުންނެވެ. މިހާރު ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ވިއްކަމުންދަނީ ހަމައެކަނި ބީއެމްއެލްއިންނެވެ. މިހާރު ޑޮލަރު ކިޔޫގެ ވާހަކައެއް މީހުން ނުދައްކައެވެ. އަންހެން ކުއްޖާ ބުނިހެން ހިދުމަތް ވަރަށް ކޫލް އެވެ. ޑޮލަރު ކިޔޫއެއްހެން ހީވެސް ނުވެއެވެ.