ބަންގްލަދޭޝް

ސިފައިންގެ އިސް ތިން މީހަކާއެކު 26 މީހަކު މަރަން ބަންގްލަދޭޝްގައި ހުކުމްކޮށްފި

ބަންގްލަދޭޝް ސިފައިންގެ އެލީޓް ރެޕިޑް އެކްޝަން ބެޓޭލިއަންގެ އިސް އޮފިސަރުންގެ ގޮތުގައި ކުރިން ތިބި ތިން މީހަކު ހިމެނޭ ގޮތުން 26 މީހަކަށް މަރުގެ އަދުބު ދިނުމަށް އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

އެމީހުން މެރުމަށް ކޯޓުން ހުކުމްކުރީ 2014 ވަނަ އަހަރު ، ކްރިކެޓް ސްޓޭޑިއަމެއްގެ ބޭރުގައި ތިބި ހަތް މީހަކު ވަގަށް ނަގައިގެން ގެންގޮސް މަރާލިކަމުގެ ކުށް ސާބިތުވެގެންނެވެ.

އެހާދިސާގައި، ބަންގްލަދޭޝްގެ މެދުތެރޭގައިވާ ނަރަޔަންގަންޖް ނަމަކަށް ކިޔާ ރަށުގެ ސްޓޭޑިއަމެއްގެ ބޭރުގައި ތިއްބާ މާކް ނުކުރާ ވޭނަކަށް ބަޔަކު ގަދަކަމުން އަރުވައިގެން ގެންދިޔަ މަންޒަރު ފެނިގެން ރިޕޯޓް ކުރިތާ ތިން ދުވަސް ފަހުން އެމީހުންގެ ހަށިތައް ފެނުނީ ކޯރެއްގެ ތެރެއިންނެވެ.

އެހާދިސާއާ ގުޅިގެން 35 މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. އެމީހުންގެ ތެރޭގައި ސިފައިންގެ 25 މީހުން ވެސް ހިމެނެ އެވެ. އެ އެންމެންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ފަނޑިޔާރު ސައްޔިދު އިނާޔަތު ޙުސައިން ވަނީ ހުކުމް ކުރައްވާފަ އެވެ. އޭނޭ ހުކުމް ކުރެއްވީ 35 މީހުންގެ ތެރެއިން 26 މީހަކު ދަންޖައްސައި މެރުމަށެވެ.

ބަންގްލަދޭޝްގައި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮތުމަށް ފަހު އެ އަދަބު ތަންފީޒުކުރަން އަލުން ފަށާފައި ވަނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު އެގައުމުގައި 197 މީހަކަށް މަރުގެ ހުކުމް އިއްވައި ހަތަރު މީހަކަށް އެ ހުކުމް ތަންފީޒުކޮށްފައި ވެއެވެ.