ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުން އެ ގައުމުގެ ކުރީގެ ބޮޮޑުވަޒީރު ޝައިޚް ހަސީނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ބާތިލްކޮށްފި އެވެ. އާދައިގެ ޕާސްޕޯޓަށް އެދި ހުށަހެޅުން ނޫން ފުރުސަތެއް ހަސީނާ އަށާއި އޭނާގެ ސަރުކާރުގެ ވެރިނަން މިހާރަކު ނެތެވެ.
ސައިޚް ހަސީނާ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާދެއްވައި އޯގަސްޓް 5 ގައި ގައުމު ދޫކުރައްވައި ފިއްލެވި ގޮތަށް އަދިވެސް އިންނެވީ އިންޑީއާގަ އެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ހަސީނާއަށް ވަރަށް ރަނގަޅު މެހުމާންދާރީއެއް އަދާކުރާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ޝައިޚް ހަސީނާއަށް އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވި ސަބަބަކީ، ސިވިލް ސާވިލް ވަޒީފާ ދިނުމުގައި ވަކި ބަޔަކަށް މޮޅު ގޮތް ހަދައިދިނުމަށް ބަންގުލަދޭޝްގެ ސަރުކާރުން ގެންގުޅޭ ސިޔާސަތެވެ.
ބަންގްބުލަދޭޝްގައި ސިވިލް ސާވިސް ވަޒީފާ ދިނުމުގައި އަމަލުކުރަނީ 1972 ގައި އެކުލަވާލާއި އޮތް ގާނޫނަކަށެވެ.
މި ގާނޫނު ބުނާ ގޮތުން ވަޒީފާ ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ޕާކިސްތާންގެ ކިބައިން މިނިވަންވުމަށް ބަންގުލަދޭޝްއިން 1971 ގައި ކުރި ހަނގުރާމާގައި ބައިވެރިވި ސިފައިންނާއި މުޖާހިދުންނާއި އެ މީހުންގެ ދަރިން އަދި ދަރިންގެ ދަރިންނަށެވެ.
މިގޮތުން ވަޒީފާދިނުމުގައި ތައުލީމީ ފެންވަރަށް ބަލާކަށް ނުޖެހެ އެވެ. އަދި ވަޒީފާތަކުގެ 30 ޕަސެންޓް ހާއްސަކުރަން ޖެހޭނީ އެ މީހުންނަށެވެ. މީގެ އިތުރުން އަންހެނުންނަށާއި ކުޑަކޮށް ތަރައްގީވެފައިވާ އާބާދީތަކަށްވެސް ވަކި ޕަސެންޓެއް ވަނީ ހާއްސަކޮށްފަ އެވެ.
ނަމަވެސް، ވަޒީފާދިނުމުގައި ސަރުކާރުން އިސްކަން ދެނީ ވެރިކަންކުރާ ބަންގުލަދޭޝްގެ އަވާމީ ޕާޓީގެ އެކްޓިވިސްޓުންނަށް ކަމަށް ބުނެ މަދަރުސާ ދަރިވަރުން ވަނީ ކިޔެވުން ހުއްޓާލައި މުޒަހާރާކޮށްފަ އެވެ.
މި މުޒާހަރާތައް ފުޅާވެ ވެރިކަންކުރާ ޑާކާއަށް ފޯރައި އަދި ފަހުން ރިޔާސީ ގަނޑުވަރަށް ވެސް ވަނީ ވަދެފަ އެވެ.
ހަސީނާގެ އިސްތިއުފާއަށް ބަންގުލަދޭޝްގައި މިހާރު ވެރިކަންކުރަނީ 17 މެމްބަރުގެ މައްޗަށް އެކުލަވާލާފައި އޮތް އިންތިގާލީ ކޮމެޓީއަކުންނެވެ. މި ކޮމެޓީ ހިންގުމަށް ދަރިވަރުންގެ ފަރާތުން އިޚުތިޔާރުކުރި މުހައްމަދު ޔޫނުސްއަށް ސަރުކާރު ހިންގެވުމުގެ ގިނަ އިޚުތިޔާރުތަކެއް އެ ގައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީން ވަނީ ދެއްވާފަ އެވެ.