ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވެރިކަމުން ދުރުކުރުމުގައި ބިދޭސީ ނުފޫޒުތަކުގެ ދައުރު ބޮޑުކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކަށް ދެއްވި ބަޔާނެއްގައި ހަސީނާ ވިދާޅުވީ އޭނާ ވެރިކަމުން ދުރުކުރީ އެމެރިކާ އަޑީގައި އޮވެގެން ކަމަށެވެ. އެމެރިކާ އެދުނު ގޮތަށް ސެއިންޓް މާޓިން އައިލޭންޑާއި ބޭ އޮފް ބެންގާލް އެމެރިކާއަށް ދޫކޮށްލިނަމަ އޭނާއަށް ވެރިކަމުގައި ދެމިހުރެވުނީސް ކަމަށް ވިދާޅުވި އެވެ.
މި އަހަރުގެ ކުރީކޮޅު -- ޖެނުއަރީގައި އޮތް އިންތިހާބުގެ ކުރިން ދޮން މީހަކު އޭނާއަށް ހެޔޮ ކަމެއް ކޮށްދޭން އުޅުނު ކަމަށް ހަސީނާ ވިދާޅުވި އެވެ. އެއީ ބަންގްލަދޭޝްގެ މަސްލަހަތު އޮންނަ ފަށުގައި އެއާބޭސްއެއް އަޅަން ހުއްދަދީފިނަމަ އޭނާގެ ވެރިކަން އަބަދަށް ދަމަހައްޓައި ދިނުމެެވެ.
އިންތިގާލި ވެރިކަމަކުން ބަންގުލަދޭޝްގެ ސަރުކާރުން މިހާރު ހިންގަމުންދާއިރު ފުރެއްދެ ނުފޫޒުތަކުން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އެޅުމަށް ހަސީނާ އެދިވަޑައިގެންނެވި އެވެ.
ހަސީނާ ވިދާޅުވީ ގައުމު ދޫކުރައްވައި ވަޑައިގަތީ އިސްތިއުފާ ދެއްވުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އެކަމަކު އެއީ ދަރިވަރުންނާއި ކުށެއް ނެތް އެތައް ބަޔަކު މަރުވާން ބޭނުންވެވަޑައި ނުގަންނަވާތީ ކަމަށެވެ.
އޭނާ ވެރިކަމުގައި މިއަދު ހުންނެވިނަމަ އިތުރު އެތައް ފުރާނައެއް ގެއްލިފައިވާނެ ކަމަށް ހަސީނާ ވިދާޅުވި އެވެ. ބަނގްލަދޭޝް އަދިވެސް ހަމައަކަށް ނޭޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝައިޚް ހަސީނާ ބޮޑުވަޒީރުގެ މަގާމު ދޫކުރައްވައި ގައުމުން ބޭރަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ، ސިވިލް ސާވިސް ވަޒީފާ ދިނުމުގައި ސަރުކާރުން ވަކި ބަޔަކަށް މޮޅު ގޮތް ހަދައިދިނުމެވެ.
ބަންގްލަދޭޝްގައި އަމަލުކުރަމުންދާ ކޯޓާ އުސޫލުން ވަޒީފާ ދިނުމުގައި ތައުލީމީ ފެންވަރަށް ނުބަލައި ސިޔާސީ ހަރަކާތްތެރިންނަށް ވަޒީފާތައް ބެހުމަކީ ވެސް ހަސީނާގެ ސަރުކާރަށް ހެދުނު ވަރަށް ބޮޑު ގޯހެކެވެ.