ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ހައްޔަރުކުރަން އެ ގައުމުގެ ކޯޓަކުން އަމުރެއް ނެރެފި އެވެ.
މިކަން އިއުލާންކުރެއްވީ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ)ގެ އިސް ފަނޑިިޔާރު މުހައްމަދު ތާޖުލް އިސްލާމް އެވެ.
އައިސީޓީ އަކީ ބަންގުލަދޭޝްގެ ދާހިލީ މައްސަލަތައް، ހާއްސަކޮށް ބޮޑެތި ކުށްތަކާ ގުޅިގެން އުފެދިފައި ހުރި މައްސަލަތައް ބަލައި ހޯދައި ކުށްވެރިވާ މީހުންނަށް އަދަބު ކަނޑައެޅުމަށް 2009 ވަނަ އަހަރު އުފެއްދި ޓްރައިބިއުނަލެކެވެ.
ޝައިޚް ހަސީނާ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އިންޑިއާއަށް ވަޑައިގަތީ އޯގަސްޓް ފަހެއް ގައެވެ.
އޭނާ އަދިއަދަށްދާންދެން ވެސް ހުންނެވީ އިންޑިއާ ގައެވެ. ހަބަރުތައް ބުނާ ގޮތުން އިންޑިއާގައި ހަސީނާ ހުންނަވަނީ އިންޑިއާ ސަރުކާރުގެ މަދަދުގައެވެ.
ޝައިޚް ހަސީނާއަށް ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގަތީ ބަންގުލަދޭޝްގެ މަދަރުސާ ދަރިވަރުން ކުރި މުޒާހަރާތަކެއްގެ ސަބަބުންނެވެ.
ބަންގްލަދޭޝްގައި ޖުލައި ކުރީކޮޅު އެންމެ ފުރަތަމަ ހަމަނުޖެހުން އުފެދުނީ ސިވިލް ސާވިސް ވަޒީފާ ދިނުމުގައި ސަރުކާރުން ވަކި ބަޔަކަށް ބައިއަޅާ ކަމަށް ބުނެ ދަރިވަރުން ފެށި މަދަނީ ބަސްނޭހުމަކުންނެވެ.
މި ހަމަނުޖެހުންތަކުގައި 283 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.
މަގުތަކުގައި ހަމަނުޖެހުން އުފައްދައި މުޒާހަރަކާ ކުރި މީހުން ގަސްދުގައި މީހުން މެރި މައްސަލަތަކެއްވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ޝައިޚް ހަސީނާގެ 15 އަހަރުވީ ވެރިކަމުގައި އިންސާނީ ހައްގުތައް ގެއްލިފައި އެތައް ބަޔަކު ތިބި ކަމަށް އިދިކޮޅުން ބުނެ އެވެ. އަދި މިފަދައިން ހިންގާފައި ހުރި މައްސަލަތަކެއް މިހާރު ވަނީ ބަންގުލަދޭޝްގެ ކޯޓުތަކަށްވެސް ހުށަހަޅާފަ އެވެ.
މި މައްސަލަތައް ތަހުގީގުކޮށް ޝަރީއަތް ކުރުމަށްޓަކައި ޝައިޚް ހަސީނާ ނޮވެމްބަރު 18 ގައި ކޯޓަށް ހާޒުކޮށްދިނުމަށް ތަންފީޒީ ބާރުތަކަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.