ބޮލީވުޑް

ޝާހިދުގެ ކޮއްކޮ ބޮލީވުޑަށް ނިކުންނަނީ ދިޕިކާ އާއެކު؟

Jan 17, 2017

މިއަހަރާއެކު ބޮލީވުޑަށް މުޅިން އާ މޫނުތަކެއް ތައާރަފުވާން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މަޝްހޫރު ގިނަ ފިލްމީ ތަރިންގެ ދަރިން ބޮލީވުޑަށް ތައާރަފުވާން އުޅޭ ވާހަކަތައް ދެކެވެމުން އަންނަތާ ވަރަށް ދުވަސްވެފައިވާއިރު އެތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އިޝާން ކައްތަރު ވެސް ހިމެނެ އެވެ.

މިދިޔަ އަހަރު ނިކުތް ފިލްމު "އުޅްތާ ޕަންޖާބު" ގައި އެސިސްޓަންޓް ޑައިރެކްޓްރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ އިޝާން މީގެކުރިން ބޮލީވުޑަށް ތައާރަފުވާނެ ކަމަށް ބެލެވިފައި އޮތީ ސްރީދޭވީ އާއި ބޯނީ ކަޕީރުގެ ދަރިފުޅު ޖާންވީ ކަޕޫރާ އެކު އެވެ.

މަރާތީ ބްލޮކްބާސްޓާ ފިލްމު "ސައިރަތް" ގެ ރީމޭކްއިން ނުވަތަ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން އިޝާން ބޮލީވުޑަށް ތައާރަފުވާނެ ކަމުގެ ވާހަކަތައް ދެކެވެމުން އައި ނަމަވެސް ބޮލީވުޑްގެ އެންމެފަހުގެ ހަބަރުތައް ބުނާގޮތުން އޭނާ ފިލްމީ ދާއިރާ އަށް އެކްޓަރެއްގެ ގޮތުގައި ނިކުތުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯން އާއެކު އެވެ.

އީރާނުގެ ފިލްމު އުފައްދަން މަޝްހޫރު ޑައިރެކްޓަރު މަޖީދް މަޖީދީ ދެން އުފައްދާ ފިލްމު "ފްލޯޓިން ގާޑެންސް" ގައި ދިިޕިކާ އާއެކު އިޝާން ފެނިގެންދާނެ ކަމަށްވެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން މުމްބާއީގައި ގިނަ އަދަދަކަށް ފަގީރުން ވަޒަންވެރި ވެގެން އުޅޭ ސަރަހައްދެއްގައި މި ފިލްމުގެ މަންޒަރުތަކެއް ދިޕިކާ ނަގަން ހަރަކާތްތެރިވަމުން އައި ފޮޓޯތަކެއް ވަނީ އާންމުވެފަ އެވެ.

އިޝާން މި ފިލްމުގައި ފެނިގެންދާނެ ރޯލާ ބެހޭގޮތުން ފިލްމު އުފައްދާ ފަރާތުން އަދި އެއްވެސް ވާހަކައެއް ދައްކާފައިނުވާއިރު، މި ފިލްމުގެ ރޯލަކުން ޝާހިދު ވެސް ފެނިގެންދާނެ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

އާންމުކޮށް ސްޓާ ކިޑުން ބޮލީވުޑަށް ތައާރަފުވަނީ މަޝްހޫރު ހިންދީ ޑައިރެކްޓަރެއް ނުވަތަ ޕްރޮޑިއުސަރެއްގެ ކުޑައިގެ ދަށުން ނަމަވެސް އެ ތަރިންނާ ހިލާފަށް އިޝާން މިފަހަރު މިވަނީ މުޅިނާ ތަފާތު ފިލްމަކާ އެކު ބޮލީވުޑަށް ނިކުންނަން ނިންމާފަ އެވެ.