ދުނިޔެ

ސައުދީއަށް ދެރަށް ދޭން މިސްރުގެ ކޯޓަކުން ދެކޮޅު ހަދައިފި

ގާހިރާ، އަލް ޖަޒީރާ. 16 ޖެނުއަރީ - ސައުދީ އަރަބިއްޔާއާއި މިސްރާއި ދެމެދު ރަތް ކަނޑުގައިވާ، ދެ ފަޅުރަށް ކަމަށްވާ ތިރާން އާއި ސަނާފިރު ސައުދީ އަށް ދިނުމަށް މިސްރު ސަރުކާރުން ވެފައިވާ އެއްބަސްވުމާ އެގައުމުގެ މަތީ ކޯޓަކުން ދެކޮޅު ހަދައިފި އެވެ.

މިސްރުގެ ވެރިރަށް ގާހިރާގެ ކޯޓަކުން އެ މައްސަލައިގައި ކުރި ހުކުމުގައި ބުނެފައި ވަނީ އެ ދެރަށަކީ މިސްރުގެ ސިޔާދަތު އޮތް ދެރަށް ކަމަށެވެ. އަދި އެ ދެރަށަކީ ސައުދީ އަރަބިއްޔާގެ ދެރަށް ކަން މިސްރު ސަރުކާރަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ ކޯޓަކުން އެ ހުކުމް ކުރުމުން ޝަރީއަތް އަޑު އަހަން ވަދެ ތިބި މިސްރު މީހުން ވަނީ އުފާފާޅުކޮށްފައެވެ.

ރައްކަނޑުގައި ގަލްފް އޮފް އަގަބާގެ އަނގަމަތީގައިވާ އެ ދެރަށަކީ އިސްރާއީލުގެ އެލިއާތާއި އުރުދުންގެ އަގަބާއަށް ދަތުރުކުރަން އޮންނަ ހަނި ކަނޑުއޮޅި ކޮންޓްރޯލް ކުރުމަށް ބޭނުންކުރެވޭނެ ދެރަށެވެ.

އެ ދެރަށުގެ މައްސަލައަކީ މިސްރާއި ސައުދީ އަރަބިއްޔާއާ ދެމެދުގައި އުފެދިފައިވާ ސަރަހައްދީ މައްސަލަ ތަކުގެ ތެރެއިން އެއް މައްސަލަ އެވެ.