ޔޫއެން

ދެކުނު ސޫދާނުގައި މެރުމާއި އިއްފަތް ފޭރުން އަދިވެސް ނުހުއްޓުވޭ: ޔޫއެން

ދެކުނު ސޫދާނުގައި މިދިޔަ އަހަރު ޖުލައި މަހު ހިނގި ހަމަނުޖެހުންތަކަށް ފަހު މީހުން މެރުމާއި އަންހެނުންގެ އިތްފަތް ފޭރުމުގެ ޖަރީމާތައް އަދިވެސް ނުހުއްޓުވި ހިނގަމުންދާ ކަމަށް އދ. އިން ބުނެފި އެވެ.

ދެކުނު ސޫދާނުގައި ގާއިމްކޮށްފައިވާ ޔޫއެންގެ މިޝަނުން އިއްޔެ އާއްމުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ދަ ސޫދާން ލިބަރޭޝަން އާމީ (އެސްޕީއެލްއޭ) އާއި ސޫދާން ޕީޕަލްސް ލިބަރޭޝަން މޫމެންޓް އާމީ އިން އޮޕޮޒިޝަން (އެސްޕީއެލްއެމް/އޭއައިއޯ) އާ ދެމެދު ޖުލައިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާ ހަމައަށް ހިނގި ހަމަނުޖެހުންތަކުގައި ދެފަރާތުން ވެސް ވަނީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލް އަގުވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ޖުލައިމަހުގެ ހަމަނުޖެހުމުގެ ތެރޭގަޔާއި އޭގެ ފަހުން ދެޖަމާއަތުން 217 އަންހެނެއްގެ އިއްފަތް ފޭރުނު ކަމަށް ރެކޯޑްކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ އަންހެނުންނަށް އެއަނިޔާ ދީފައި ވަނީ އެސްޕީއެލްއޭގެ ސިފައިންނާއި ފުލުހުންނާއި ނެޝަނަލް ސެކިއުރިޓީ ސާވިސަސް ( އެންއެސްއެސް)ގެ މެމްބަރުން ކަމަށް ވެސް ބުނެފައި ވެއެވެ.

" 2016 ވަނަ އަހަރުގެ ޖުލައިމަހު ފެށުނު ހަނގުރާމައަކީ ދެކުނު ސޫދާނުގެ ސުލްހައަށް އެޅުނު ސީރިއަސް ގޮންޖެހުމެއް. ރައްޔިތުންގެ ގިނަ ބަޔަކު އަނިޔާވެރި އަމަލުތަކަށް ހުށަހެޅިފައިވާ ހާލުގައި ގައުމުގެ ހާލަތު އޮތްލެއް ނާޒުކުކަން އެކަމުން ދައްކުވައިދޭ،" ޔޫއެން ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޒާއިދު ރައަދު އަލް ޙުސައިން އިއްޔެ ވިދާޅުވިއެވެ.

ރައްޔިތުން ދިފާއުކޮށް ހިމާޔަތް ކުރުމަށް ޔޫއެއިން ވަނީ ދެކުނު ސޫދާނުގެ ސަރުކާރަށް ގޮވާލާފައެވެ.