ދުނިޔެ

އިސްތަންބޫލްގެ ނައިޓްކްލަބަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

ތުރުކީގެ އިސްތަންބޫލްގައިވާ ރެއިނާ ނަމަކަށް ކިޔާ ނައިޓްކްލަބަކަށް މިމަހުގެ ފުރަތަމަ ދުވަހު ހަމަލާދީ 39 މީހުން މަރައިލި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.

އެހަމަލާ ދިން ކަމަށް ތުރުކީން ތުހުމަތުކުރަނީ އަބުދުލް ގާދިރު މަޝަރިޕޯވް ނަމަކަށް ކިޔާ އުޒްބެކިސްތާނުގެ ރައްޔިތެކެވެ. އޭނާ ހޯދައި ހައްޔަރު ކުރީ އިސްތަންބޫލްގެ އެސެންޔާޓް ޑިސްޓްރިކްޓްގައިވާ ގެއެއްގައި ހުއްޓައި ކަމަށް ތުރުކީ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުންޏެވެ.
ރެއިނާ ނައިޓްކްލަބަށް ބަޑިން ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސައުދީ އަރަބިއްޔާ، އުރުދުން ،ތޫނިސް، އިސްރާއީލް، އިންޑިއާ، ބެލްޖިއަމް އަދި ފްރާންސްގެ ރައްޔިތުން ހިމެނެއެވެ.

އެހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް ( އައިއެސް) އިން އޭރު ވަނީ އުފުލާފައެވެ. އައި އެސް އިން ބުނެފައި ވަނީ އެއީ ތުރުކީން ސޫރިޔާގެ އެކި ސަރަހައްދުތަކަށް ހަމަލާދޭތީ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.

ތުރުކީ ފުލުހުން ބުނީ މަޝަރިޕޯވް ހައްޔަރު ކުރީ އޭނާގެ ރައްޓެހި ކިރުގިސްތާން މީހަކު ދިރިއުޅޭ ގެއެއްގައި އޭނާގެ އަންހެނުންނާއި އުމުރުން ހަތަރު އަހަރުގެ ފިރިހެން ދަރިފުޅާއި އެކު ހުއްޓައި ކަމަށެވެ. އޭނާގެ ރައްޓެހި ކިރުގިސްތާން މީހާ ވެސް ފުލުހުން ހައްޔަރުކުރި ކަމަށް ތުރުކީގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

މޫނުމަތިން ލޭކޮށާލާފައިވާ މަޝަރިޕޯވްގެ ކަރުގައި އެހެން މީހަކު ހިފައިގެން ހުންނަ ފޮޓޯއެއް ތުރުކީ ފުލުހުން ވަނީ އާއްމުކޮށްފަ އެވެ.