ދުނިޔެ

ގުއާންޓެނާމޯ ޖަލުގައި ތިބި 10 މީހަކު އޮމާނަށް ގެންގޮސްފި

ކިއުބާގެ ގުއާންޓެނާމޯބޭގައި އެމެރިކާއިން ގާއިމްކޮށްފައިވާ ޖަލުގައި ދައުވާއެއް ނުކޮށް ބަންދުކޮށްފައި ތިބި 10 މީހަކު އުމާނަށް ގެންގޮސްފި އެވެ.

އުމާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ 10 މީހުން އެ ގައުމުގައި ދިރިއުޅޭނީ ވަގުތީ ގޮތުން ކަމަށެވެ. ނަމަވެސް އެ މީހުންނަކީ ކޮންކޮން ގައުމުތަކެއްގެ ބައެއް ކަމެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.

"ގުއާންޓެނާމޯގެ ގައިދީންގެ މައްސަލަ ހައްލު ކުރުމަށް، ސުލްތާން ގާބޫސްއާއި ޔޫއެން ސަރުކާރުގެ އެދުމުގެ މަތިން، ސުލްޓަނޭޓްގައި ވަގުތީ ގޮތުން ދިރިއުޅުމަށް 10 ގައިދީއަކު މިއަދު ވަނީ އައިސްފައި،" އުމާންގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވާކަށް ސަރުކާރުގެ ރަސްމީ ނޫސް އެޖެންސީން ބުންޏެވެ.

އެކަމާ ބެހޭ ގޮތުން އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން އަދި ވަކި އެއްޗެއް ނުބުނެއެވެ. ގުއާންޓެނާމޯ ޖަލުން 10 މީހުން އޮމާނަށް ގެންދިއުމުން އެ ޖަލުގައި ތިބި ގައިދީންގެ އަދަދު 45 އަކަށް ތިރިވާނެއެވެ.

ދައުވާއަކާ ނުލައި ދުނިޔޭގެ އެކި ގައުމުތަކުގެ އެތައް ބަޔަކު ހައްޔަރުކޮށް ލާއިންސާނީ އަނިޔާތައް ދީފައިވާ ގުއާންޓެނާމޯ ޖަލު ބަންދު ކުރުމަކީ އެމެރިކާގެ ދެ ދައުރު ނިންމެވުމަށް ފަހު އެމެރިކާގެ ރައީސްކަމުން ވަކިވެވަޑައިގަންނަވާ ބަރަކް އޮމާބާގެ ކެމްޕެއިން ވައުދެކެވެ. ( ދަ ގާޑިއަން)