ދުނިޔެ

އެމްއެޗް 370 ހޯދުން ހުއްޓާލައިފި

(ނިއުޔޯކް ޓައިމްސް) - މީގެ ތިން އަހަރު ކުރިން ގެއްލިފައިވާ މަތިންދާ ބޯޓް އެމްއެޗް370 ހޯދަން އޮސްޓްރޭލިއާ އާއި މެލޭޝިއާ އާއި ޗައިނާއިން ގުޅިގެން ކުރަމުން އައި މަސައްކަތް ހުއްޓާލައިފިއެވެ.

މެލޭޝިއާ އެއާލައިންގެ އެބޯޓް ގެއްލުނީ 239 މީހުންނާއި އެކު މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުން ޗައިނާގެ ވެރިރަށް ބެއިޖިންއަށް ދަތުރު ކުރަނިކޮށެވެ.

މަތިންދާބޯޓް ހޯދުމަށް މަސައްކަތް ކުރި އޮސްޓްރޭލިއާއާއި މެލޭޝިއާ އާއި އިންޑޮނޭޝިއާއިން މިއަދު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާ ކަނޑުގެ 46000 އަކަމޭލުގެ ސަރަހައްދެއްގެ ކަނޑު އަޑި ބެލި އިރު ވެސް ބޯޓްގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށާއި އެހެންވެ، ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. ބޯޓް ފެނޭތޯ ކުރި މަސައްކަތުގައި އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ކުރިއަރާފައިވާ ސައިންސްގެ ބޭނުން ކޮށްފައިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެމްއެޗް370 ހޯދަން ހިންގި އޮޕަރޭޝަނަކީ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ހަރަދު ބޮޑު އޮޕަރޭޝަނެވެ. އެބޯޓް ހޯދުމަށް ކުރި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި 52 ދުވަހުގެ ތެރޭގައި ވައިގެ މަގުން 1.7 މިލިޔަން އަކަމޭލުގެ ސަރަހައްދެއް ބެލިއެވެ.
އެމްއެޗް370 ގެ ބައިތައް ކަމަށް ބެލެވޭ ބައެއް ތަކެތި ބޯޓު ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދާ މާ ދުރުން ވަނީ ފެނިފައެވެ. އޭގެ ތެރެއިން ބައެއް ބައިތަކަކީ އެބޯޓްގެ ބައިތައް ކަން ކަށަވަރުވެސް ކުރެވުނެވެ.