ދުނިޔެ

ނައިޖީރިއާ ސިފައިން އޮޅިގެން ދިން ހަމަލާގައި 50 އަށްވުރެ ގިނަ މަރު

ނައިޖީރިއާގެ ވައިގެ ސިފައިނަށް އޮޅުމެއް އަރައި އެ ގައުމުގެ ރެފިއުޖީ ކޭމްޕަކަށް ބޮން އެޅުމުގެ ސަބަބުން 50 އަށް ވުރެ ގިނަ މީހުން މަރުވެ އިތުރު އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

ބީބީސީ ބުނީ ނައިޖީރިއާގެ އިރު އުތުރުގައިވާ ރާން ނަމަކަށް ކިޔާ އެ ކޭމްޕަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ރެޑްކްރޮސް ޖަމާއަތުގެ އެހީދޭ ހަމީހަކު ވެސް ހިމެނޭ ކަމަށެވެ. ސިއްހީ އެހީދޭ ފަރަންސޭސި ޖަމިއްޔާ ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ބުނީ ހަމަލާގައި 200 އަށް ވުރެ ގިނަ މީހުން ޒަހަމްވި ކަމަށެވެ. އަދި އެމީހުން ފަރުވާދޭ ތަންތަނަށް ގެންދިއުމަށް އެޖަމާއަތުން ވަނީ ގޮވާލާފައެވެ.

ނައިޖީރިއާ ސިފައިން އެ ހަމަލާ ދިނީ ބޮކޯ ހަރާމްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގަ އެވެ. އެގައުމުގެ ރައީސް މުޙައްމަދު ބުހާރީ އާއި ސިފައިންގެ އިސްވެރިން ވަނީ ހަމަލާއާއި މެދު މައާފަށް އެދި ރައްޔިތުން ހިމޭން ވުމަށް ގޮވާލާފަ އެވެ.

ސިފައިންގެ ތަރުޖަމާނު ޖެނެރަލް ރާބީ އަބޫ ބަކުރު ވިދާޅުވީ ރާން ކޭމްޕަށް ހަމަލާ ދެވުނީ އޮޅިގެން ކަމަށާއި އެގޯސް ހެދުމުން ސިފައިންގެ އެންމެން ތިބީ ހިތާމައިގައި ކަމަށެވެ.

"މިކަހަލަ އަސްކަރީ އޮޕަރޭޝަންތަކުގައި ދުވަހެއް ދުވަހަކަށް މިކަހަލަ ކަންތައްތައް ހިނގާ. އެކަމަކު މިއީ ވަރަށް ހިތާމަ ހުރި ކަމެއް، ގަސްދުގައި ކުރި ކަމެއް ނޫން،" އަބޫބަކުރު ވިދާޅުވެފައި ވެއެވެ.