ދުނިޔެ

އިންޑިއާގެ ތެޔޮ ކުންފުންޏަކާ ދެކޮޅަށް ލަންކާގައި މުޒާހަރާކޮށްފި

އިންޑިއާގެ ތެޔޮ ކުންފުންޏެއް ކަމަށްވާ އިންޑިއަން އޮއިލް ކޯޕަރޭޝަން (އައިއޯސީ) އިން ސްރީލަންކާގައި ހިންގާ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ލަންކާ އައިއޯސީ އާ ދެކޮޅަށް ލަންކާގެ ޓްރޭޑް ޔޫނިއަންއަކުން މިއަދު މުޒާހަރާކޮށްފި އެވެ.

ސްރީލަންކާގެ ސަންޑޭޓައިމްސް ނޫހުން ބުނީ މުޒަހާކުރީ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން ސީޕީސީ ޓްރޭޑް ޔޫނިއަންގެ މެމްބަރުންތަކެއް ކަމަށެވެ. މުޒާހަރާގައި އެމީހުން ގޮވާލާފައި ވަނީ އައިއޯސީގެ ތެޔޮ ތާންގީތައް ސަރުކާރަށް ނެގުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ. އެމީހުން މުޒާހަރާ ކުރީ ކޮލަމްބޯގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރުގެ ކުރިމަތީގަ އެވެ.

އެ ކުންފުނިން ލަންކާގައި މަސައްކަތް ކުރަމުން އަންނަ ގޮތާމެދު ނުރުހުން ފާޅުކޮށް ކުންފުނި ބޮއިކޮޓް ކުރުމަށް ވެސް މުޒާހަރާކުރި މީހުން ވަނީ ގޮވާލާފައެވެ.

ސްރީލަންކާ ޕާލަމެންޓްގައި ހިމެނި ވަޑައިގަންނަވާ އިދިކޮޅު މެމްބަރެއް ކަމަށްވާ މަހިންދަނާ އަތުލުގަމާ ވެސް އެމުޒާހަރާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ ކުންފުންޏަކީ ލަންކާގައި ގާއިމްވެފައިވާ ހަމަ އެކަނި ޕްރައިވެޓް ތެޔޮ ކުންފުންޏެވެ. ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) އަކީ އެގައުމުގެ ދައުލަތުގެ ކުންފުންޏެކެވެ.

ސްރީލަންކާގައި އެހެން ގައުމުތަކުގެ މީހުން ވިޔަފާރި ކުރުމާ ދެކޮޅަށް އަޑު އުފުލުން ފަހަކަށް އައިސް އިތުރުވެފައި ވެއެވެ. ޗައިނާއިން އެގައުމުގައި ހިންގަން އުޅޭ މަޝްރޫއެއް ހުއްޓުވުމަށް ވެސް ދާދި ފަހުން ބަޔަކު މުޒާހަރާ ކުރިއެވެ.