ސޫރިޔާގެ ވެރިރަށް ދިމިޝްގާއި ލުބުނާނާއި ދެމެދު އޮންނަ ވާދީގައިވާ އަވަށްތައް ވަނީ ހަނގުރާމައިގެ ސަބަބުން ފަޅުވެފަ އެވެ. ހަނގުރާމައިން ސަލާމަތް ވުމަށް އެ އަވަށްތަކުގެ މުޅި އާބާދީތައް ދަނީ ހިޖުރަ ކުރުމުންނެވެ.
އެ އަވަށްތަކަށް މިހާރު ދަނީ ބަދަލުވަމުންނެވެ. އަވަށްތަކަށް އަލުން މީހުން އަންނަން ފެށީއެވެ. ނަމަވެސް އަލުން އަންނަން ފެށީ އެއަވަށްތައް ދޫކޮށް ދިޔަ މީހުންނެއް ނޫނެވެ. އަންނަން ފެށި މީހުންނަކީ ކުރިން އެތަންތަނުގައި ދިރިއުޅުނު ސުންނަތު ޖަމާއަތުގެ މުސްލިމުންނާއި މުޅިން ތަފާތު އަގީދާއެއްގެ ވެރި ބައެކެވެ. އެމީހުން ތާއީދު ކުރަނީ ކުރިން އުޅުނު މީހުން ތާއީދުކުރާ ލީޑަރުންނަކަށް ނޫނެވެ. އެމީހުން އެތަނަށް ފޮނުވި މީހުން ސިފަކުރާ ގޮތުގައި އެމީހުންނަކީ ސޫރިޔާގައި ޝިޔައީން އާބާދު ކުރުމަށް ހިންގާ ހަރަކާތުގެ މުގުލުގެ ގޮތުގައެވެ. އެމީހުން އަންނަނީ ހަމަ އެކަނި ސޫރިޔާގެ އެހެން ސަރަހައްދުތަކުންނެއް ނޫނެވެ. ލުބުނާނާއި އިރާގުން ވެސް މެއެވެ.
މުސްލިމުންގެ އަވަށްތަކުގައި ޝިޔައީން އާބާދު ކުރުމަކީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ބާރު ހިނގާ ގޮތަށް އާބާދީ ބަދަލު ކުރުމަށް އީރާނުން ރޭވި ރޭވުމެއްގެ ދަށުން ކުރާ ކަމެކެވެ. ބޭނުމަކީ އަސަދުގެ ސީދާ ކޮންޓްރޯލް އޮންނަ ގޮތަށް އަދި އީރާނާއި ލުބުނާނުގެ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ ހިޒްބުﷲ ގެ ނުފޫޒު ގަދަ ސަރަހައްދަކަށް އެ ސަރަހައްދު ބަދަލުކުރުމެވެ.
އީރާނުގެ މަކަރުވެރި ރޭވުން އޮތްގޮތް ކިޔައިދެމުން ލުބުނާނުގެ ލީޑަރަކު ވިދާޅުވީ ދިމިޝްގާއި ލުބުނާނާ ދެމެދު އެއްވެސް ސުންނީއަކު ދިރިއުޅެން އީރާނުން ނޭދޭ ކަމަށެވެ.
"އީރާނާއި ސަރުކާރުން (ލުބުނާނު ސަރުކާރުން) ބޭނުމެއް ނުވޭ ދިމިޝްގާއި ހިމްސާއި ލުބުނާނު ބޯޑަރުގައި އެއްވެސް ސުންނީއަކު ދިރިއުޅޭކަށް. މިއީ އާބާދީއަށް އަންނަ ތާރީހީ ބަދަލެއް،" އޭނާ ވިދާޅުވި އެވެ.
ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރި އިދިކޮޅު ޖަމާއަތްތަކެއްގެ ބާރުގެ ދަށުގައި ކުރިން އޮތް މަދިޔާ އާއި ޒަބަދާނީ އާއި ވާދީ ބަރަދާގައި ވެސް ޝިޔައީން އާބާދު ކުރުމަށް އީރާނަށް ހަނގުރާމަކޮށްދޭ ހިޒްބުﷲ ޖަމާއަތުގެ ޓެރަރިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ.
ދިމިޝްގުގެ އިރު ދެކުނުގައިވާ ދަރާޔާގައި ވެސް ކަން ހިނގަމުން ދަނީ އެގޮތަށެވެ. ސޫރިޔާ ސަރުކާރާއި ރަޝިޔާއާއި ހިޒްބުﷲގެ ޓެރަރިސްޓުން ގުޅިގެން ކުރި ހަނގުރާމައިގައި އެސަރަހައްދުގައި އޮތް އިދިކޮޅު ހަނގުރާމަވެރިންގެ ބާރު ކެނޑުމުން އާބާދުކުރީ ޝިޔައީންނެވެ. އެގޮތުން އާބާދު ކުރި ޝިޔައީންގެ ތެރޭގައި އިރާގުން ގެނައި 300 އާއިލާ ހިމެނެއެވެ.
ސޫރިޔާ ސަރުކާރާއި ހިޒްބުﷲގެ ޓެރަރިސްޓުންގެ ބާރުގެ ދަށަށްދާ ސަރަހައްދުތަކުގެ ސުންނީ އާއްމުންނާ ދެކޮޅަށް ގަތުލު އާއްމުތައް ހިންގަނީ އެހެންވެއެވެ. އާބާދީ ބަދަލުކުރުމަށް އީރާނުން ގެންގުޅޭ އަނިޔާވެރި ރޭވުމުގެ ދަށުންނެވެ. -- ދަ ގާޑިއަން