ދުނިޔެ

ރައީސްކަން ދޫނުކުރަން ގެމްބިއާގެ ރައީސް ކުއްލިހާލަތު އިއުލާންކޮށްފި

ގެމްބިއާގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި އެ ގައުމުގެ ރައީސް ޔަހުޔާ ޖައްމާ މަގާމު ދޫނުކުރައްވަން ވެގެން ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރައްވައިފި އެވެ.

ކުއްލި ހާލަތު އިއުލާން ކުރައްވައި ރައީސްގެ ގަރާރުތަކުން ގައުމު ހިންގަވާނެ ކަން ޔަހުޔާ އިއުލާން ކުރެއްވީ ރައީސް ކަމަށް އިންތިހާބުވެފައިވާ އަދަމާ ބަރޯ ހުވާ ކުރައްވަން ދެދުވަހަށް ވެފައި ވަނިކޮށެވެ.

ގައުމުން ބޭރުގައި މިހާރު ހުންނެވި އަދަމާ އެނބުރި ގެމްބިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މިރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެފްރިކާގެ އިއްތިހާދުން އޭނާއަށް އަންނަނީ ރައްކާތެރިކަން ދެމުންނެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ފުރަތަމަ ގަބޫލު ކުރެއްވުމަށް ފަހު ޔަހުޔާ ފަހުން އެ ނަތީޖާއާ ދެކޮޅު ހައްދަވައި ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ބޮޑެތި ގޯސްތައް ހަދާފައިވާ ކަމަށެވެ. ރައީސްކަން ދޫނުކުރައްވާނެ ކަން އޭނާ އިއުލާން ކުރެއްވުމުން އެފްރިކާ އިންތިހާދުން ބުނެފައި ވަނީ އަލަށް އިންތިހާބުވި ރައީސްއާ ގެމްބިއާގެ ސަރުކާރު ހިންގުން ހަވާލުކުރުމަށް ސިފައިން ފޮނުވަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.

ޔަހުޔާ މަގާމް ދޫނުކުރައްވައި ސިފައިންނާއި ފުލުހުން މަގުތަކަށް ނެރުއްވައިގެން އުޅުއްވާތީ އެފްރިކާ އިއްތިހާދުގެ ލަޝްކަރުތައް އައިސް ހަނގުރާމައެއް ފަށައިފާނެ ކަމަށް ގެމްބިއާގެ ރައްޔިތުން ތިބީ ބިރުންނެވެ. އެހެންވެ ގިނަ ބަޔަކު ވަނީ ގައުމު ދޫކޮށް ދާން ފަށާފައެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވައި މަގާމު ދޫކޮށްލައްވާތޯ އެފްރިކާ އިންތިހާދުން ޔަހުޔާއާއި އެތައް ފަހަރަކު ކުރި މަޝްވަރާތައް ވަނީ ނާކާމިޔާބުވެފަ އެވެ. -- ނިއުޔޯކް ޓައިމްސް