ދެކުނު ކޮރެއާގެ ރައީސްކަމުން އަޒުލުކޮށްފައިވާ ޕާކް ގިއުން ހައިގެ އަރިސް ބޭފުޅަކަށް ރިޝްވަތު ދިން ކަމުގެ ތުހުމަތަށް ސެމްސަން ގްރޫޕްގެ ވަގުތީ ޗެއާމަން ލީ ޖައެ ޔޮން ހައްޔަރު ކުރުމުގެ އަމުރެއް ދިނުމަށް އެގައުމުގެ ކޯޓަކުން ދެކޮޅު ހަދައިފިއެވެ.
ލީ ހައްޔަރު ކުރުމުގެ އަމުރެއް ނުނެރެން ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރޭ ވަރުގެ ސަބަބުތަކެއް ނެތް ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. ކޯޓުން އެގޮތަށް ނިންމީ އެކަމާބެހޭ ގޮތުން އިއްޔެ އަޑު އެހުމެއް ބޭއްވިތާ 12 ގަޑިއިރު ފަހުންނެވެ.
ދެކުނު ކޮރެއާގެ ރައީސާ ޕާކް ގިއުން ހައިގެ އަރިސް ބޭފުޅެއް ކަމަށްވާ ޗޮއި ސޫން ސިލްއަށް ރިޝްވަތުގެ ގޮތުގައި ލީ، 43 ބިލިޔަން ވޮން (ގާތްގަނޑަކަށް 36.42 މިލިޔަން ޑޮލަރު) ދީފައިވާ ކަމަށް ދެކުނު ކޮރެއާގެ ސްޕެޝަލް ޕްރޮސެކިއުޓާސް އޮފީހުން ތުހުމަތު ކުރެ އެވެ.
ސެމްސަން ގްރޫޕް ހިންގުން ލީއާ ހަވާލުވީ އެ ގްރޫޕްގެ ބާނީ އަދި ލީގެ ބައްޕަ ލީ ކުން ހީއަށް 2014 ވަނަ އަހަރު ހާޓް އެޓޭކެއް ޖެހުމުންނެވެ. ލީ ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމުން ބޭއްވި ޝަރީއަތުގެ އަޑު އެހުމެއްގައި ދޮގު ހުވާ ކުރި ކަމަށް ވެސް ދެކުނު ކޮރެއާގެ ޕްރޮސެކިއުޓަރުން ވަނީ ތުހުމަތުކޮށްފަ އެވެ.
ލީ ހައްޔަރުމުގެ އަމުރަކަށް އެދިފައިވާ މައްސަލައިގެ އަޑު އެހުމެއް މާދަމާ ވެސް ބާއްވާނެ ކަމަށް ވެރިރަށް ސޯލްގެ ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ވަނީ ބުނެފައެވެ.
ސެމްސަން ގްރޫޕުން ބުނެފައި ވަނީ ލީ ރިޝްވަތު ދިން ކަމަށް ކޮށްފައިވާ ތުހުމަތު އެގްރޫޕުން ގަބޫލު ނުކުރާނެ ކަމަށެވެ. -- ސީއެންބީސީ